މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވެ، ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް ރާއްޖެއިން ގެންގުޅޭ ދިގު މުއްދަތުގެ ހައްލަކީ ހުޅުމާލެއާއި ރަސްމާލެ ތަރައްގީކުރުން ކަމަށް ނައިބު ރައީސް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވެފައިވަނީ ޖަރުމަނުވިލާތުގެ ބާލިންގައި ކުރިއަށްދާ "ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026" ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ދަނީ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ރެޒިލިއަންޓް އިންފްރާސްޓްރަކްޗާ ބިނާކުރުން ފަދަ ދެމެހެއްޓެނިވި ގިނަ އިންވެސްޓްމަންޓްތަކެއް ކުރަމުން ކަމަށް ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން ހުޅުމާލެއަކީ މޫސުމީ ބަދަލުތަކަށް ހޭނިފައިވާ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމުގެ ފާހަގަކޮށްލެވޭ ނަމޫނާއެއް ކަމަށާއި، އަލަށް ތަރައްގީކުރާ "ރަސްމާލެ" ބިނާކުރަނީ މި ތަސައްވުރުގެ މައްޗަށް ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.
ނައިބު ރައީސް ވިދާޅުވީ މޫސުމީ ސަބަބުތަކަށް ޓަކައި މީހުން ހިޖުރަކުރަންޖެހުމަކީ މާ ދުރު މުސްތަގުބަލެއްގައި ހިނގާނެ ކަމެއް ނޫން ކަމަށާއި، އެއީ މިހާރުން މިހާރަށް ހައްލު ބޭނުންވެފައިވާ ކަމެއް ކަމަށެވެ. އެގޮތުން މޫސުމީ ހިޖުރައިގެ މަސައްކަތްތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ވަޒަނުގައި ރައްކާތެރިކަމާއެކު ދެމިތިބެވޭނެ ފުރުސަތުތައް ފުޅާކުރުމަށްކަމަށް ވަނީ ވިދާޅުވެފައެވެ.
އަދި ކޮންމެހެން މީހުން ބަދަލުކުރަންޖެހޭ ހާލަތްތަކުގައި ވެސް، އެކަން ވާންޖެހޭނީ ދުރާލައި ރޭވިގެން އެ މީހުންގެ އަމިއްލަ އިހުތިޔާރާއެކު އަދި އިންސާނީ ކަރާމާތް ނުގެއްލޭނެ ފަދަ ގޮތަކަށް ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.
މޫސުމީ ބަދަލުތަކުގެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުންދާ ނާޒުކު ގައުމުތަކަށް އެކަނި މި މައްސަލަތަކުން އަރައެއް ނުގަނެވޭނެކަން ފާހަގަކުރައްވައި، އެކަށީގެންވާ އަދި ފަސޭހައިން ލިބޭނެ މޫސުމީ ފައިނޭންސްގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ބަޔާން ނިންމަވާލައްވަމުން، ނައިބު ރައީސް ވަނީ "ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސް" އަށް މަރުހަބާ ވިދާޅުވެ، ރާއްޖެއިން އަބަދު ވެސް އިންސާނީ ހައްގުތަކަށާއި ރައްޔިތުންނަށް އިސްކަންދޭ އުސޫލުތަކަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި ހިނގާ ޖޫން 18 އިން 19 އަށް ބާލިންގައި ކުރިއަށްދާ މި ފޯރަމަކީ ގްލޯބަލް ސެންޓާ ފޯ ކްލައިމެޓް މޮބިލިޓީ (ޖީސީސީއެމް) އާއި ރޮބާޓް ބޮޝް ސްޓިފްޓުންގް ގުޅިގެން ބާއްވާ މަތީ ފަންތީގެ ބައްދަލުވުމެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިންނާއި، ވަޒީރުންނާއި، ތިމާވެށީގެ މާހިރުން ބައިވެރިވާ މި ފޯރަމްގެ މި އަހަރުގެ އެންމެ ބޮޑު ބޭނުމަކީ "ގްލޯބަލް ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސް" ރަސްމީކޮށް ބަލައިގަނެ، ތަންފީޒުކުރަން ފެށުމެވެ.
