އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކް ލޯ، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

ނިކް ލޯ އިނގިރޭސި ސަފީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އޭނާ ވަނީ މީގެ ކުރިން ބަންގްލަދޭޝް، ޗައިނާ އަދި އިންޑިއާ ފަދަ ގައުމުތަކުގައި ވެސް ޑިޕްލޮމެޓިކް މަގާމުތައް ފުރުއްވާފައެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ކުރިއަށް އޮތް ތަނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްޓްރެޓީޖިކް ޑައިލޮގްއާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

މީގެ އިތުރުން ދެ ގައުމުގެ ދެމެދުގެ ދޭދޭ ގުޅުންތަކުގެ މައްޗަށް އަލިއަޅުވާލާ، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ އާ ދާއިރާތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނުކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ޒަމާންވީ ހާރިޖީ ގުޅުމެއް އޮންނައިރު، ދެ ގައުމުން އަންނަނީ މޫސުމީ ބަދަލުތަކާއި، ތައުލީމީ ދާއިރާއާއި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން، 2025 ވަނަ އަހަރުގެ މެއި މަހު މާލޭގައި ބޭއްވި ދެވަނަ ސްޓްރެޓީޖިކް ޑައިލޮގްގައި ވިޔަފާރިއާއި ސަލާމަތީ ކަންކަމުގެ އިތުރުން މަތީ ތައުލީމުގެ ފުރުސަތުތަކާ ގުޅޭގޮތުން ދެ ގައުމުގެ އިސް އޮފިޝަލުން ވަނީ މަޝްވަރާކުރައްވާފައެވެ. އެ ބައްދަލުވުމުގައި މަސްވެރިކަމާއި، ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

ހަމައެއާއެކު، ޓެރަރިޒަމްއާއި ހައްދުފަހަނައަޅައިދިއުން ހުއްޓުވުމަށް އިނގިރޭސިވިލާތުން ރާއްޖެއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ނިންމާފައެވެ. ތައުލީމީ ދާއިރާއިން، ޗީވްނިންގް އަދި ކޮމަންވެލްތު ސްކޮލާޝިޕް މެދުވެރިކޮށް ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން ވެސް އިނގިރޭސި ސަރުކާރާއެކު ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމަށްފަހު، ކުރިއަށް އޮތް ތިންވަނަ ސްޓްރެޓީޖިކް ޑައިލޮގްގެ ތައްޔާރީތައް ފޮރިން މިނިސްޓްރީން ކުރަމުންދާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.