އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ހަތަރު ވަނަ ނަސީބުވެރި ފަރާތް ހޮވައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ ހަ އޭޓީވީ ދިނުމަށް ހަމަޖެހިފައިވާއިރު، އޭޓީވީ ލިބުނު ހަތަރުވަނަ ނަސީބުވެރި ކަސްޓަމަރަކީ ފާތުމަތު އަޒުމާ، ލ. މާބައިދޫއެވެ.

އުރީދޫ އިން ބުނީ ޑިސެމްބަރު 20، 2025 ގައި ފެށި މި ޕްރޮމޯޝަން 2026 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްދާނެކަމަށެވެ. އަދި ކޮންމެ ދެ މަހަކުން އެއްފަހަރު ބާއްވާ ގުރުއަތުލުމުން، ކޮންމެ ފަހަރަކު ވެސް އެއް ކަސްޓަމަރަކަށް އޭޓީވީއެއް ލިބޭނެއެވެ.

މި ކެމްޕޭނަކީ ކަސްޓަމަރުން ދުވަހުން ދުވަހަށް ބޭނުންކުރާ އުރީދޫގެ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުރިއަށްދާ ކެމްޕޭނެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މި ގުރުއަތުލުމުގައި ބައިވެރިވުމަށްޓަކައި، އުރީދޫގެ މޮބައިލް (ޕްރިޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަނެޓް، ފަސޭހަ، ނުވަތަ 5ޖީ އެއާ ފައިބާ ފަދަ ޚިދުމަތެއް ބޭނުންކޮށް، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަ ކުރަންޖެހޭނެއެވެ.

ގުރުއަތުލުމުގެ ކުރިން އަންނަ 60 ދުވަހުގެ ތެރޭގައި، އުރީދޫގެ ހިދުމަތްތަކަށް މަހަކު މަދުވެގެން 400 ރުފިޔާ ހަރަދުކޮށްފައިވާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. އަދި ގުރުއަތުލާ ދުވަހާއި ހަމައަށް އެ ކަސްޓަމަރެއްގެ ހިދުމަތް އެކްޓިވްކޮށް ބަހައްޓަންވާނެއެވެ.

މި ޕްރޮމޯޝަން ފަރުމާކޮށްފައިވަނީ މިހާރު އުރީދޫ ބޭނުންކުރާ އަދި މި މުއްދަތުގެ ތެރޭގައި އުރީދޫ އަލަށް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ގޮތަށެވެ. ކޮންމެ ގުރުއަތުލުމަކުން ވެސް އެއް ނަސީބުވެރިއަކު ހޮވައި، އޭޓީވީއެއް ހަވާލުކުރާނެއެވެ.

ގުރުއަތުން އޭޓިވީ ލިބޭ ކަސްޓަމަރުންނަށް ވެސް ގްރޭންޑް ޕްރައިޒް ގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. އިތުރަށް އެ ކުންފުނިން ބުނީ މިއީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް އޭޓީވީ ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރާ ކަމެއްކަމަށެވެ.