ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓާ (އެމްޑީ) ގެ މަގާމަށް އަބްދުﷲ ޔާސިރު އައްޔަންކޮށްފިއެވެ. އޭނާ މި މަގާމަށް އައްޔަންކޮށްފައިވަނީ މިއަދު އެވެ.

ޔާސިރަކީ ފަތުރުވެރިކަމާއި، ހޮސްޕިޓާލިޓީ، ކޯޕަރޭޓް މެނޭޖްމަންޓް އަދި ޑެސްޓިނޭޝަން ޑިވެލޮޕްމަންޓްގެ ދާއިރާއިން 25 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަރާތެކެވެ. 1993 ވަނަ އަހަރު މި ދާއިރާއިން ހިދުމަތް ފެއްޓެވި ޔާސިރު ވަނީ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުކަމާއި، ވަން އެންޑް އޮންލީ ކަނުހުރާގެ ޑިރެކްޓަރުކަން އަދި 2010 ވަނަ އަހަރުން ފެށިގެން ސުޕަރސަޕްލައި އެންޑް ވޯޓަރމާކްގެ މެނޭޖިން ޑިރެކްޓާުގެ މަގާމު ފަދަ އިސް މަގާމުތައް ފުރުއްވާފައެވެ.

ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީގެ މަގާމާ ހަވާލުވިއިރު، ޔާސިރަކީ، އެންޓްރޮޕްރިނިއާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ވެސް މެއެވެ.

ޔާސިރު ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބާމިންގްހަމް އިން ޓޫރިޒަމް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ އަދި ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ބިޒްނަސް މެނޭޖްމަންޓުން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައެވެ.