ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) އެވޯޑްސް 2026 ގެ "ބެސްޓް ޑައިވް ރިސޯޓު" ގެ އެވޯޑު ރޯޔަލް އައިލެންޑް ރިސޯޓުން ހޯދައިފިއެވެ.

މި ކަމާ ގުޅިގެން ވިޒިޓް މޯލްޑިވްސް އިން ބުނީ މި އެވޯޑު އެ ރިސޯޓަށް ލިބިފައިވަނީ އެ ރިސޯޓުން ތަފާތު ފީނުމުގެ ތަޖުރިބާއާއި، ފޯރުކޮށްދޭ ފުރިހަމަ ޑައިވިން ހިދުމަތްތަކުގެ ސަބަބުންކަމަށެވެ.

ޔުނެސްކޯ ބަޔޯސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުގައި މައިގަނޑު ގޮތެއްގައި އޮންނަ ރޯޔަލް އައިލެންޑު ރިސޯޓުގެ ވަށައިގެންވަނީ ރާއްޖޭގެ އެންމެ މުއްސަނދި ފަރުތަކުގެ ތެރޭން ފަރެއްކަން ފާހަގަކޮށް ވިޒިޓް މޯލްޑިވްސް އިން ބުނީ މި ހިސާބަކީ ގިނަ އަދަދެއްގެ މަހާއި، ވެލާ، މަޑި އަދި މިޔަރު އުޅޭ ތިލަ ހިސާބެއްކަމަށެވެ.

ރޯޔަލް އައިލެންޑުގައި ދެވޭ ހިދުމަތްތަކަކީ ވަރަށް ފުރިހަމަ ހިދުމަތްތަކެއްކަން ފާހަގަކޮށް ވިޒިޓް މޯލްޑިވްސް އިން ބުނީ އަލަށް ފީނަން ފަށާ ފަރާތްތަކަށް "ޑިސްކަވާ ސްކޫބާ ޑައިވިން" ގެ ތެރެއިން ފުރަތަމަ ފަހަރަށް އަޑީގައި ނޭވާލުމުގެ ތަޖުރިބާ ހޯދޭކަމަށާއި، ސެޓްފިކެޓް އޮންނަ ޑައިވަރުންނަށް ޕެޑީ ކޯސްތަކުގެ ތެރެއިން ޑައިވްމާސްޓާއާ ހަމައަށް ކުރިއަށް ދެވޭކަމަށެވެ.

މީގެ އިތުރުން ކުޑަކުދިންނަށް، އެޑްވާންސްޑް އަދި ނައިޓްރޮކްސް ޑައިވިންއާއި، ރިފްރެޝާ ކޯސްތަކާއި ފްރީޑައިވިންއަށް ހާއްސަ ޕްރޮގްރާމްތައް މި ރިސޯޓުގައި ކުރިއަށް ގެންދާކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ. އަދި އަމިއްލަ އިންސްޓްރަކްޓަރުންނާއި ޕްރައިވެޓް ޑައިވް ބޯޓުތައް ވެސް ލިބެން ހުންނަކަމަށް ވަނީ ބުނެފައެވެ.

ހައުސް ރީފް ޑައިވްތަކާއި ތަމްރީނު ޑައިވްތައް ދުވާލު ގަޑީގައި ކުރިއަށްދާއިރު، ތާވަލުކުރެވިފައިވާ ދެ-ޓޭންކު ޑައިވްތަކާއި މޫސުމަށް ބަލާ ރޭގަނޑު ފީނުންވެސް މި ރިސޯޓުގައި އިންތިޒާމު ކުރާކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ. ޑައިވް ކޮމްޕިއުޓަރާއި އަންޑަވޯޓާ ކެމެރާ ހިމެނޭގޮތަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ލިބެން ހުންނަކަމަށާއި، ސެޓްފިކެޓް އޮންނަ ނައިޓްރޮކްސް ޑައިވަރުންނަށް ހިލޭ ނައިޓްރޮކްސް ފުރައިދޭކަމަށް ވެސް ވަނީ ބުނެފައެވެ.

މި ރިސޯޓުން ހަނިފަރު ބޭއަށް ދިއުމަށް ނަގަނީ އެންމެ 25 މިނެޓުކަމަށާއި، މިތަނަށް ގިނަ އަދަދަކަށް އެންމަޑިއާއި ވޭލް ޝާކް އަންނަކަން ފާހަގަކޮށް ވިޒިޓް މޯލްޑިވްސް އިން ބުނީ މިއީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަނެއްކަމަށެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ ވިލާ ނައުޓިކާ، ވިލާ ޕާކް އަދި ރޯޔަލް އައިލެންޑުގައި މުރަކަ އާލާކުރުމުގެ ޕްރޮގްރާމްތަކުގެ އިތުރުން ފަރުތައް މޮނީޓާކުރުމާއި ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާކަމަށެވެ.

ރޯޔަލް އައިލެންޑް ތަފާތުވަނީ މި ފުރިހަމަ ތަޖުރިބާގެ ސަބަބުންކަމަށާއި، ހައުސް ރީފާއި، ބާ އަތޮޅުގެ މުއްސަނދިކަމާއި ޑައިވް އޯޝަނަސްގެ ތަޖުރިބާއާއި ވަސީލަތްތައް އަދި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކުގެ ސަބަބުން ހަމައެކަނި ޑައިވް ސައިޓްތަކަކަށްވުރެ މި ރިސޯޓުން ފޯރުކޮށްދެނީ މާ ބޮޑު ތަޖުރިބާތަކެއްކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.