އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް ގުޅިގެން ބާއްވާ ފޯރިގަދަ "އުރީދޫ މަސްރޭސް 2026" މި ހުކުރު ދުވަހު ކ. މާފުށީގައި ބާއްވަން ނިންމައިފިއެވެ.

އުރީދޫ އިން ބުނީ،މުޅިއެކު 16 ޓީމު ވާދަކުރާ މި މަސްރޭހުގައި ވަނަވަނައަށް ދާ ފަރާތްތަކަށް ޖުމްލަ 43،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޗެމްޕިއަން ޓީމު: 25،000 ރުފިޔާ
  • ދެވަނަ ޓީމު: 10،000 ރުފިޔާ
  • ތިންވަނަ ޓީމު: 5،000 ރުފިޔާ

މީގެ އިތުރުން ވަކިވަކި ފަރުދުންގެ ހުނަރަށް ބަލައި ހޮވާ އެންމެ މޮޅު ފިރިހެން މަސްވެރިޔާ، އެންމެ މޮޅު އަންހެން މަސްވެރިޔާ އަދި އެންމެ ބަރު މަސް ބޭނި ފަރާތަށް، ކޮންމެ ކެޓަގަރީއަކުން 1،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އުރީދޫ މަސްރޭހަކީ ދިވެހިންގެ ޒަމާންވީ މަސްވެރިކަމުގެ ސަގާފަތާއި ހުނަރު ދިރުވައި އާލާކުރުމަށާއި، މަސްވެރިކަމަށް އޮންނަ ލޯބި ދެމެހެއްޓުމުގެ މަގުސަދުގައި އަހަރުން އަހަރަށް ބާއްވަމުން އަންނަ ހަރަކާތެކެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ރައްޔިތުން ވަރަށް ބޮޑު ތަރުހީބަކާއި ފޯރިއަކާއެކު ބައިވެރިވަމުން އަންނަ، އެކުވެރިކަން އާލާކޮށްދޭ މުހިންމު އިޖުތިމާއީ ހަރަކާތެކެވެ.