ދުނިޔޭގެ ކޮންމެވެސް އެއް ކަންކޮޅެއްގައި، ބިރުވެރިކަމުގެ ސިހުމާއި ހިތްދަތިކަމުގެ އާހެއް ނީވޭ ހިނދުކޮޅެއް މަދުވާނެއެވެ. ބޯމަތިން ބޮންތައް އޮހެމުންދާއިރު، ބިންގަނޑު ކަނޑައިގެންގޮސް މުޅި ސަހަރު ސުންނާފަތިވަމުންދާއިރު، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއްގެ ބިރުވެރިކަން މުޅި މުޖުތަމައު ވަށާލާއިރު، އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު މަސައްކަތްކުރާނީ އެ ނުރައްކަލާ ދުރަށް ދުވެ، އަމިއްލަ ސަލާމަތް ހޯދުމަށެވެ. ނަމަވެސް، އެންމެން ދުރަށް ދުވާއިރު، އެ ބިރުވެރިކަމުގެ އެންމެ ފުންމިނަށް، އެންމެ ބޮޑު ނުރައްކަލުގެ ތެރެއަށް ފުންމާލަނީ ކޮން ބައެއް ހެއްޔެވެ؟ އެއީ އިންސާނިއްޔަތުގެ މަތިވެރި ސަފީރުންނެވެ. އެއީ އަމިއްލަ ފުރާނައަށްވުރެ އަނެކާގެ ދިރިއުޅުން މަތިވެރިކޮށް، "އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން" ނުކުންނަ ހިތްވަރުގަދަ ހިދުމަތްތެރިންނެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ އިންސާނީ އެހީތެރިކަމުގެ ދުވަސް ނުވަތަ ވޯލްޑް ހިއުމަނިޓޭރިއަން ޑޭ އަކީ، މިފަދަ ބަތަލުންގެ އަގުވަޒަންކޮށް، އެމީހުންގެ ގުރުބާނީތައް މުޅި ދުނިޔެއަށް ހަނދާންކޮށްދޭ ދުވަހެވެ. މި ދުވަސް ހާއްސަވަނީ ހަމައެކަނި އެހީ ފޯރުކޮށްދޭ މީހުންނަކަށް ނޫނެވެ. މިއީ އެހީތެރިކަމުގެ މަސައްކަތުގައި އުޅެނިކޮށް ފުރާނަ ގެއްލިގެންދާ ފަރާތްތަކުގެ ހަނދާން އާކޮށް، އެ މަސައްކަތުގައި މިހާރުވެސް ދެމިތިބި މީހުންނަށް އޮތް ނުރައްކާތަކާ މެދު މުޅި ދުނިޔެ ސަމާލުކަމަށް ގެންނަ ދުވަހެވެ. މިއަދު ފަލަސްތީނުގެ ގައްޒާއިން ފެށިގެން ސޫދާނުގެ ހަނގުރާމައިގެ މައިދާންތަކާ ހަމައަށް، އެހީދޭ ފަރާތްތަކަކީ ހަމަލާދޭ އަމާޒުފަތްތަކަކަށް ވެފައިވުމަކީ އިންސާނިއްޔަތުކަން ލަދުގަންނަންޖެހޭ ފަދަ ހަގީގަތެކެވެ.
އަމިއްލަ ފުރާނައަށްވުރެ އަނެކާގެ ދިރިއުޅުން: ގުރުބާނީގެ މިސާލުތައް
މިއަދު ދުނިޔޭގެ މަސްރަހަށް ބަލާލާއިރު، އެހީދޭ ފަރާތްތަކުން ވަމުންދާ ގުރުބާނީއަކީ ބަޔާންކުރަން ދަތި މަތިވެރި މަސައްކަތެކެވެ. ފަލަސްތީނުގެ ގައްޒާ ފަދަ ހަނގުރާމައިގެ ބިރުވެރިކަން އޮތް ބިންތަކުގައި، ހުއްޓުމެއްނެތި އޮހެމުންދާ ބޮންތަކުގެ ތެރޭގައިވެސް، އެމްބިއުލާންސްތަކުގައި ދުވާ ޕެރަމެޑިކުންނާއި، ހަލާކުވެފައިވާ އިމާރާތްތަކުގެ ތެރެއިން މީހުން ސަލާމަތްކުރުމަށް އުޅޭ މަދަދުގާރުންނަކީ މިއަދުގެ ބަތަލުންނެވެ. ނަމަވެސް، މި ބަތަލުންނަށް ކުރިމަތިވަމުންދާ ނުރައްކަލުގެ ބިރުވެރިކަން ތަފާސްހިސާބުތަކުން ފެންނަން އޮތީ ވަރަށް ހިތްދަތި ގޮތަކަށެވެ.
ފަހުގެ ތާރީހަށް ބަލާއިރު، 2023 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް (އައިއެފްއާރްސީ) ޖަމާއަތުގެ ގާތްގަނޑަކަށް 100 އެއްހާ ދަރުމަވެރިންނާއި މުވައްޒަފުން ވަނީ އެމީހުންގެ މުޖުތަމައަށް ހިދުމަތްކުރުމުގައި ދެމިތިއްބާ ފުރާނަ ގެއްލި ނުވަތަ ޝަހީދުކޮށްލެވިފައެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ފެންނަމުންދާ ވަރަށް ނުރައްކާތެރި އޮއިވަރެކެވެ. ރެކޯޑްތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރަކީ މުޅި ދުނިޔޭގައިވެސް އިންސާނީ އެހީތެރިންނަށް އެންމެ ނުރައްކާތެރި، އަދި އެންމެ ގިނަ ބަޔަކު މަރާލެވުނު އަހަރެވެ.
އެއިޑް ވޯކާ ސެކިއުރިޓީ ޑޭޓާބޭސްގެ ބައިނަލްއަގުވާމީ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ތެރޭގައި އެކަނިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގި އެކި ހަމަލާތަކުގައި 332 އިންސާނީ އެހީތެރިން ވަނީ މަރާލެވިފައެވެ. މި ހިތްދަތި ތަފާސްހިސާބުތަކުން ފާހަގަކުރެވޭ އެންމެ މުހިންމު އެއް ކަމަކީ، މަރާލެވުނު މީހުންގެ ތެރެއިން 99 އިންސައްތައަކީ އެ ގައުމުތަކުގެ އަމިއްލަ ރައްޔިތުން ނުވަތަ ލޯކަލް މުވައްޒަފުންނާއި ދަރުމަވެރިން ކަމެވެ. މިއީ އެ ގައުމެއްގެ ބިމުގައި، އެ ގައުމެއްގެ ރައްޔިތުންނަށް އެހީވާން ނުކުމެ ތިބި މީހުންނަށް އަމާޒުކޮށްދޭ ހަމަލާތަކެއްކަން ސާފުވެއެވެ.
ނުރައްކާ އޮތީ ހަމައެކަނި ފާއިތުވި އަހަރުތަކަކު ނޫނެވެ. 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހަށް ބަލާލާއިރުވެސް، އައިއެފްއާރްސީ ނެޓްވޯކުގެ އިތުރު 21 މެންބަރަކު ވަނީ އިންސާނީ ހިދުމަތުގައި އުޅެނިކޮށް ފުރާނަ ގެއްލިފައެވެ. މީގެ ތެރެއިން 12 މީހަކު މަރާލެވިފައިވަނީ ގަސްތުގައި ދެވުނު އަނިޔާވެރި ހަމަލާތަކުގައެވެ. އަދި ބާކީ ތިބި 9 މީހުންނަކީ މަސައްކަތުގެ މައިދާނުގައި ދިމާވި އެކި ހާދިސާތަކުގައި ފުރާނަ ގެއްލުނު ފަރާތްތަކެވެ.
މި ހިތްދަތި ހަގީގަތްތަކުން ހާމަވަނީ، އިންސާނީ އެހީތެރިންނަކީ މިއަދު އެންމެ ބޮޑު ނުރައްކަލަށް ހުށަހެޅިފައިވާ ބައެއް ކަމެވެ. އެމީހުން ފުރާނަ އަތްމައްޗަށް ލައިގެން ނުކުންނަނީ އެހެން މީހުންނަށް ދިރިއުޅުމުގެ އުންމީދެއް ހޯދައިދިނުމަށެވެ. ނަމަވެސް، އެހީދޭ އަތްތަކަށް ހަމަލާދިނުމަކީ އިންސާނިއްޔަތުކަން އެއްކޮށް ފުހެލުމަށް ކުރެވޭ ކަމެކެވެ. މިފަދަ ގުރުބާނީތަކަކީ އަގުނުކުރެވޭނެ ފަދަ މަތިވެރި ހިދުމަތްތަކަކަށް ވީހިނދު، އެ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުޅި ދުނިޔެ މިއަދު އެންމެ އިސްކަންދޭންޖެހޭ ކަންތައް ކަމުގައި ހަދަންޖެހެއެވެ.
ޖެނީވާ ކޮންވެންޝަން: ބައިނަލްއަގުވާމީ ގާނޫނީ އައްޑަނަ
އިންސާނީ އެހީތެރިންނަށް ހިމާޔަތް ހޯދައިދިނުމަކީ ހަމައެކަނި އަހްލާގީ ކަމެއް ނޫނެވެ. އެއީ ބައިނަލްއަގުވާމީ ގާނޫނުތަކުން ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް ލާޒިމްކުރާ ކަމެކެވެ. މިގޮތުން 1949 ވަނަ އަހަރުގެ ޖެނީވާ ކޮންވެންޝަނަކީ މިކަމުގެ އެންމެ ވަރުގަދަ އަސާސެވެ. މި ކޮންވެންޝަންގެ ދަށުން، ހަތިޔާރު އެޅި ހަމަނުޖެހުންތަކުގެ ތެރޭގައި ހަރަކާތްތެރިވާ އެހީދޭ ޖަމިއްޔާތަކާއި، ސިއްހީ ހިދުމަތްތެރިންނަކީ "ހިމާޔަތް ލިބިގެންވާ" ބައެކެވެ.
ޖެނީވާ ކޮންވެންޝަންގައި ބަޔާންކުރާ ގޮތުގައި، މިފަދަ ފަރާތްތަކަށް ގަސްތުގައި ހަމަލާދިނުމަކީ ބޮޑުވެގެންވާ ހަނގުރާމައިގެ ޖަރީމާއެކެވެ. މި ގާނޫނުތަކުގެ ބޭނުމަކީ، ކޮންމެފަދަ ނުރައްކާތެރި ހާލަތެއްގައިވެސް، ވަކި ފަރާތަކަށް ނުޖެހި އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ ފަރާތްތަކަށް ބިރެއްނެތި އެހީ ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދިނުމެވެ. ނަމަވެސް، ހިތާމައަކީ މިއަދު ދުނިޔޭގެ ބައެއް ބާރުތަކުން މި ގާނޫނުތަކަށް ބޯނުލަނބައި، އެހީދޭ މަރުކަޒުތަކަށާއި އެމްބިއުލާންސްތަކަށް ހަމަލާދެމުންދިއުމެވެ.
އިންސާނިއްޔަތުގެ ހައްގުގައި ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެ އުސްލޫބީ އަދި ހަރުދަނާ ނިޒާމަކީ މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) އެވެ. 2009 ވަނަ އަހަރު ހާއްސަ ގާނޫނެއްގެ ދަށުން އުފެދިގެން އައި އެމްއާރްސީއަކީ ދައުލަތަށް އެހީތެރިވެދޭ، މިނިވަން، މުސްތަގިއްލު މުއައްސަސާއެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިފައިވާ ޔުނިޓްތަކުގެ އެހީގައި، ކާރިސާތަކުގެ ވަގުތުގައާއި އާންމު ހާލަތްތަކުގައިވެސް އެމްއާރްސީ އިން އަދާކުރަމުންދަނީ އަގުނުކުރެވޭ ފަދަ މުހިންމު ދައުރެކެވެ.
އެމްއާރްސީގެ އެންމެ ބޮޑު ރައުސްމާލަކީ އެ ޖަމިއްޔާގެ "ދަރުމަވެރިން" ނެވެ. މި ދަރުމަވެރިންނަކީ އެއްވެސް މާއްދީ އުޖޫރައަކަށް ބެލުމެއްނެތް، ހަމައެކަނި އިންސާނިއްޔަތަށްޓަކައި އެމީހުންގެ ވަގުތާއި، ހަކަތައާއި، އަދި ހުނަރު ގުރުބާންކުރާ ފަރާތްތަކެވެ. ގައުމަށް ދިމާވާ ކޮންމެ ކުއްލި ނުރައްކަލެއްގައާއި، ގުދުރަތީ ކާރިސާތަކުގެ ކުރީ ސަފުގައި، އަމިއްލަ އަރާމު ދޫކޮށް އެންމެ ފުރަތަމަ އިޖާބަދެނީ މި ދަރުމަވެރިންނެވެ.
މިފަދަ ނުރައްކާތެރި ހާލަތްތަކުގައި އެހީ ފޯރުކޮށްދޭ ފަރާތްތަކަށް އޮތް ހިރާސްތަކާއި، ދިވެހިރާއްޖޭގެ ދައުރާ ގުޅޭގޮތުން މޯލްޑިވިއަން ރެޑް ކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަކީ ސަލާމަތާއި ރައްކާތެރިކަން އޮތް، ހަނގުރާމައިގެ މައިދާނެއްގެ ހަރަކާތްތަކެއް ހިނގަމުންދާ ގައުމަކަށް ނުވިނަމަވެސް، ބައިނަލްއަގުވާމީ ފެންވަރުގައި ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓް މޫވްމަންޓަށް ނިސްބަތްވާ އެތައް ހާސް ދަރުމަވެރިންނެއް ހިދުމަތް ދެމުންދަނީ ނުހަނު ނާޒުކު، ހައްސާސް އަދި ނުރައްކާތެރި މާހައުލުތަކުގައެވެ. އެހެންކަމުން އެ ފަރާތްތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތައް ނަގަހައްޓައި، ޖެނީވާ ކޮންވެންޝަންތަކާއި އެ މުއާހަދާތަކަށް ބާރުދޭ އެންމެހައި އުސޫލުތަކަށް ހުރިހާ ފަރާތްތަކުން ފުރިހަމައަށް ބޯލެނބުމަށް ވަކާލާތުކުރުމުގައި އެމްއާރްސީން އަބަދުވެސް ސާބިތުވެ ދެމިއޮންނާނެކަމަށް އެމްއާރްސީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝާބިން ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ހަނގުރާމައިގެ ވިލާގަނޑުގެ ތެރޭގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ދަރުމަވެރިންނާއި އެހީދޭ ފަރާތްތަކުގެ ހިމާޔަތް ކަށަވަރުކުރުމަކީ މުޅި ދުނިޔެ ގުޅިގެން ކުރަންޖެހޭ ކަމެއްކަމަށް ޝާބިން ފާހަގަކުރިއެވެ.
އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ވަކި ޖަމިއްޔާއެއްގެ ނުވަތަ ދައުލަތެއްގެ ޒިންމާއެއް ނޫނެވެ. އެއީ މުޅި އިންސާނީ މުޖުތަމައުގެ ޒިންމާއެކެވެ. އެމީހުންނަކީ އަޅުގަނޑުމެންގެ ބަލިކަށި ދަނޑިވަޅުތަކުގައި އަޅުގަނޑުމެންގެ އަތުގައި ހިފާ ފަރާތްތަކެވެ. އެހެންކަމުން، އެމީހުންނަށް އިހުތިރާމްކުރުމާއި، އެމީހުންގެ މަސައްކަތަށް ހުރަސްނޭޅުމާއި، އަދި އެމީހުންގެ ހިމާޔަތަށް ގޮވާލުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ބޮލުގައި އެޅިފައިވާ ވާޖިބެކެވެ.
ވޯލްޑް ހިއުމަނިޓޭރިއަން ޑޭ އިން ހަނދާން އާކޮށްދެނީ، އިންސާނިއްޔަތުކަން ދެމިއޮންނާނީ އެހީތެރިކަން ފޯރުކޮށްދޭ އަތްތަކަށް ހިމާޔަތް ލިބިގެން ކަމެވެ. އެހީތެރިންނަށް ރައްކާތެރިކަން ދިނުމަކީ އިންސާނިއްޔަތަށް ދެވޭ އެންމެ ބޮޑު ހަދިޔާއެވެ. އިންސާނީ އެހީ ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް، އެމީހުންގެ ސަލާމަތަށް ފާރަވެރިވުމަކީ މުޅި ގައުމުގެ ސަލާމަތަށް ފާރަވެރިވުމެވެ.
