އިގްތިސާދީ ތަފާސްހިސާބުތަކަށް ބަލާއިރު، ކުރީގެ އެމްޑީޕީ ސަރުކާރާ އަޅާބަލާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭންކުތައް މެދުވެރިކޮށް ދޫކުރި ޑޮލަރުގެ ނިސްބަތް އެތައް ގުނައަކަށް އިތުރުވެފައިވާކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ހާމަކުރައްވައިފިއެވެ.

ސައީދު ވިދާޅުވީ، ރަސްމީ ރޭޓު ކަމަށްވާ 15.42 ރުފިޔާގެ ރޭޓުން ބޭންކުތައް މެދުވެރިކޮށް ޑޮލަރު ދޫކުރެވުނު މިންވަރަށް ބަލާއިރު، މި ސަރުކާރު އުޅެނީ މާ ކުރީގައި ކަމަށެވެ. މިއީ އެމްޑީޕީން ދައްކަމުންދާ ވާހަކަތަކާއި ހަގީގީ މަންޒަރާ ދިމާނުވާކަން ހާމަކޮށްދޭ ހެއްކެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

މިގޮތުން ވިޔަފާރިތަކަށް ދޫކުރާ ޓީޓީތަކާއި، ބޭސްފަރުވާއަށް ބޭނުންވާ ޑޮލަރާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފޮނުވާ ފައިސާގެ އިތުރުން ހައްޖާއި އުމްރާ އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ދޫކުރި ޑޮލަރުގެ އަދަދުވެސް މި ސަރުކާރުގައި މާ ގިނަކަމަށް ސައީދު ވިދާޅުވިއެވެ.

އަދި މި ނަތީޖާ ހާސިލްކުރެވިފައިވަނީ އެމްޑީޕީ ސަރުކާރު ނިމުނުއިރު ދޫކޮށްފައިދިޔަ ބިޔަ ބޮޑު ދަރަނީގެ ތެރެއިން 1.2 ބިލިއަން ޑޮލަރު މި ސަރުކާރުން ދައްކައި، ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރަމުންދާ ދަނޑިވަޅެއްގައި ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"ރައީސް ޑރ. މުއިއްޒު ގެންދަވަނީ އެމްޑީޕީން މި ގައުމު ވައްޓާލި އިގްތިސާދީ ފުން އަނދަވަޅުން ގައުމު ސަލާމަތް ކުރައްވަމުން،" .
ސައީދު

މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކަށާއި އިގްތިސާދީ ހަރަކާތްތަކަށް ބޭނުންވާ ޑޮލަރު ހަމަޖައްސައިދީ، ގައުމުގެ މާލީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސައީދު ހިއްސާ ކުރެއްވި ތަފާސް ހިސާބުތައް

ސައީދު މިފަދައިން ވިދާޅުވެފައި މިވަނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް މަތިވެފައިވާ ދަނޑިވަޅެއްގައެވެ. ރަސްމީކޮށް ޑޮލަރުގެ މާރުކުރާ އަގަކީ 15.42 ރުފިޔާ ކަމަށްވީ ނަމަވެސް، ބާޒާރުގައި ޑޮލަރުގެ ދަތިކަން ބޮޑުވުމުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 22.65 ރުފިޔާއަށްވުރެ މައްޗަށް އުފުލި އާންމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާތީ، ޖަވާބުދާރީކުރުވުމަށް އެމްއެމްއޭގެ ގަވަރުނަރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އެދި އިދިކޮޅު އެމްޑީޕީން ވަނީ މަޖިލީހަށް ސިޓީއެއްވެސް ފޮނުވާފައެވެ.