"ރައްޔިތުންގެ އަޑު" ސިލްސިލާގެ ފުރަތަމަ ބުރުގައި ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވާ އެކަންކަމަށް ހައްލު ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުސަތު ދެއްވުމަށްޓަކައި "ރައްޔިތުންގެ އަޑު" ގެ ނަމުގައި ބާއްވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ފުރަތަމަ ބައްދަލުވުން ވަނީ ބާއްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި މުޖްތަމައުގައި ހުރި އެކި މައްސަލަތައް ރައީސާ ވަނީ ހިއްސާ ކޮށްފައެވެ.
ރައީސާ ބައްދަލުކުރި ބައެއް ފަރާތްތަކުން ކުރި ޝަކުވާ:
- ބައްދަލްވުމުގައި ބައިވެރިވި ރައްޔިތަކު ވަނީ ބައެއް ސުކޫލުތަކުގެ ފާހާނާ ހަޑިކަމުގެ ޝަކުވާ ކޮށްފަ އެވެ. އެކަމުގެ ސަބަބުން ދަރިވަރުން ސުކޫލުގައި ހޭދަކުރާ ވަގުތުތަކުގައި ފާހާނާއަށް ދާން ބޭނުންވި ނަމަވެސް އެ ފުރުސަތު ނުލިބޭކަމަށް ވެއެވެ. އަދި ބައެއް ސުކޫލުތަކުގައި ބޮޑެތި ދަރިވަރުން ބޭނުންކުރާ ކުލާސްރޫމްތައް ކުޑަކުދީންވެސް ބޭނުންކުރަން ޖެހޭކަމަށާއި މޭޒުތަކުގައި ހުތުރު އެއްޗެހި ލިޔެފައި ހުންނަކަން ފާހަގަކޮށް އެކަމުގެ ސަބަބުން ކުދީންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާ ކަމުގައި ބުނެފައިވެ އެވެ. ރައީސް ވަނީ އެކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިސްކިތްތަކަށް ވަނުމުގައި ކުރިމަތިވާ ދަތިތަކާއި، އިހާނެތިކޮށް އަމަލުކުރާ މައްސަލައިގެ ވީޑިއޯއެއް ވެސް ރައީސަށް ވަނީ އިތުރު ފަރާތަކުން ހުށަހަޅާފައެވެ. ފާއިޒް ނަމަކަށް ކިޔާ އެ މީހާ ބުނި ގޮތުގައި މާލޭގެ ސޮލާހުއްދީން މިސްކިތަށް ނަމާދަށް ވަންނަން އުޅުމުން، މިސްކިތް ހަޑިވެދާނެކަމަށް ބުނެ އެތަނުގެ މުވައްޒަފުން ވަނީ އޭނާއާ ދިމާލަށް ހުތުރުކޮށް ވާހަކަދައްކައި ދޮރު ބަންދުކޮށްފައެވެ. މާލޭގެ އިތުރުން ހުޅުމާލޭގެ މިސްކިތަކުން ވެސް އޭނާއަށް ވަނީ މިފަދަ ހިތްދަތި ތަޖުރިބާއަކާ ކުރިމަތިލާން ޖެހިފައެވެ. މިސްކިތުން ދޮރު ބަންދުކުރުމުގެ ސަބަބުން މިހާރު މިސްކިތަށް ދިޔުން ހުއްޓާލައި، ނަމާދުކުރަނީ ގޭގައި ކަމަށް އޭނާ ބުންޏެވެ.
- ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ރައްޔިތަކުވެސް ވަނީ ރައީސާ ޝަކުވާތައް ހިއްސާކޮށްފައެވެ. އެގޮތުން މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދީ ހާލަތާއި އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ގޮންޖެހުންތަކާއި ޓެކްސްއާއި ގުޅޭ އެކި ވާހަކަތައް ހިއްސާ ކޮށްފައި ވެއެވެ.
- އަދި ހަމަ އެހެންމެ ދެ ފަރާތަކުން ވަނީ ސޯޝަލް ހައުސިންއާ ގުޅުންހުރި ޝަކުވާތައް ރައީސާ ހިއްސާ ކުރައްވާފައެވެ. އެގޮތުން ފްލެޓްތައް ކުއްޔަށް ދޭ މައްސަލައާއި ކުރީ ސަރުކާރުތަކުން ފްލެޓް ދިނުމުގައި އަމަލުކޮށްފައިވާ ގޮތާއިމެދު އެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް ސީދާ ގާތުން އަޑުއެއްސެވުމަށްޓަކައި ހާއްސަ ޕްރޮގްރާމެއް ފަށްޓަވަން ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވީ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަވަމުން މިދިޔަ ޖޫން މަހުގެ ފަހުކޮޅުއެވެ.
އެގޮތުގެ މަތިން އިންތިހާބީ 93 ދާއިރާގެ ތެރެއިން މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން ރައީސާ ބައްދަލު ކުރުމުގެ ފުރުސަތު ދިނީ މިދިޔަ ޖުލައި މަހުއެވެ. މި ފަހަރު ފުރުސަތުދީފައި ވަނީ އިހަވަންދޫ، ނައިފަރު، ފޮނަދޫ، މީދޫ، ވިލިމާލެ، މައްޗަންގޮޅި ދެކުނު، މާމިގިލި އަދި ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށެވެ.
މި ދާއިރާތަކަށް ނިސްބަތްވާ ފަރާތްތަކުން، 17 އޮގަސްޓް 2026ވާ ހޯމަ ދުވަހުގެ ރޭގަނޑު 12:00ގެ ކުރިން، ރައީސް އޮފީހުން މިކަމަށް ހާއްސަކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވުމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
