"ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރު އަށް ދާއިރާއަކަށް ހުޅުވާލައިފިއެވެ.
ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް ސީދާ ގާތުން އަޑުއެއްސެވުމަށްޓަކައި ހާއްސަ ޕްރޮގްރާމެއް ފަށްޓަވަން ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވީ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަވަމުން މިދިޔަ ޖޫން މަހުގެ ފަހުކޮޅުއެވެ.
އެގޮތުގެ މަތިން އިންތިހާބީ 93 ދާއިރާގެ ތެރެއިން މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން ރައީސާ ބައްދަލު ކުރުމުގެ ފުރުސަތު ވަނީ މިދިޔަ ޖުލައި މަހު ހުޅުވާލާފައެވެ. މި ފަހަރު ފުރުސަތުދީފައި ވަނީ އިހަވަންދޫ، ނައިފަރު، ފޮނަދޫ، މީދޫ، ވިލިމާލެ، މައްޗަންގޮޅި ދެކުނު، މާމިގިލި އަދި ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށެވެ.
މި ދާއިރާތަކަށް ނިސްބަތްވާ ފަރާތްތަކުން، 17 އޮގަސްޓް 2026ވާ ހޯމަ ދުވަހުގެ ރޭގަނޑު 12:00ގެ ކުރިން، ރައީސް އޮފީހުން މިކަމަށް ހާއްސަކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވުމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މި ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ރައީސް އޮފީހުން ވަނީ ހާއްސަ އުސޫލުތަކެއް ވެސް ކަނޑައަޅާފައެވެ. އެ އޮފީހުން އާންމުކުރި އުސޫލުގައި ބުނެފައި ވަނީ ރައީސްގެ ބައްދަލުވުމަށް ހާޒިރުވާންވާނީ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ހުށަހެޅި ފަރާތެވެ. އަދި އެ ފަރާތުގެ އިތުރުން އެއް ފަރާތަކަށް ބައްދަލުވުމުގައި ބައިވެރިވެވޭނެ ކަމަށް ވެއެވެ. އެގޮތުން އަނބިމީހާ، ފިރިމީހާ، ދަރި އެ ފަރާތުގެ މައިންބަފައިން ހިމެނެއެވެ.
އަދި ބައްދަލުވުމުގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތާއި އެ ފަރާތުގެ ބައިވެރިންނަށް ދިހަ މިނެޓުގެ ވަގުތެއް ދެވޭނެ ކަމަށް ވެއެވެ. އަދި ބައްދަލުވުމުގައި ބައިވެރިވާ އެއްވެސް ފަރާތަކުން ބިރު ދެއްކުމާއި ހުތުރު ބަހުން މުއާމަލާތް ކުރުމުގެ އިތުރުން މަސްލަހަތު ގެއްލޭ ފަދަ އަމަލެއް ކޮށްގެން ނުވާނެއެވެ. އަދި ރައީސް އޮފީހަށް ހާޒިރުވާ އެންމެންވެސް ސަލާމަތީ އުސޫލުތަކަށް ތަބާވާންވާނެ ކަމަށް ވެއެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް ސީދާ އެމަނިކުފާނަށް ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ފަށްޓަވާ ބައްދަލުވުންތަކެކެވެ.
