ރާއްޖޭގައި އެޗްއައިވީއަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ކަމަށް ހާމަކުރާ ނަންބަރުތައް މަދުވުމަކީ، އެ ބަލީގެ ނުރައްކާ މުޖުތަމައުގައި ނެތުން ކަމަށް ގަބޫލުކުރެވުމަކީ އާންމު ކުށްހީއެކެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި 34 އަހަރުގެ ތެރޭގައި ރާއްޖެއިން އެޗްއައިވީ އަދި އެއިޑްސްއަށް ޕޮޒިޓިވްވެފައި ވަނީ އެންމެ 54 މީހުންނެވެ. މީގެ ތެރެއިން 11 ކޭސް ރިޕޯޓުކޮށްފައި ވަނީ 2024 އަދި 2025 ވަނަ އަހަރުއެވެ.

ނަމަވެސް، ޔޫއެންއެއިޑްސް ފަދަ ބައިނަލްއަގުވާމީ އިދާރާތަކުން ފާހަގަކުރާ ގޮތުގައި، މުޅި އާބާދީ ޓެސްޓު ނުކުރެވޭހާ ހިނދަކު، ބަލި ހުރެ ޓެސްޓު ނުކުރެވި ތިބި މީހުންގެ އަދަދު ޔަގީންކުރުމަކީ ނާދިރު ކަމެކެވެ.

އެޗްއައިވީ އާއި އެއިޑްސްގެ ތަފާތު

އެޗްއައިވީ އާއި އެއިޑްސްއަކީ އެކައްޗެއް ނޫނެވެ. އެޗްއައިވީއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް ހަމަލާދޭ ވައިރަހެކެވެ. އަދި އެއިޑްސްއަކީ ފަރުވާ ނުހޯދައި ގިނަ ދުވަސްވުމުގެ ސަބަބުން ބަލީގެ އެންމެ ނުރައްކާތެރި މަރުހަލާއަށް ދިއުމެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރާއްޖެއިން ޕޮޒިޓިވްވި 54 މީހުންގެ ތެރެއިން 16 މީހަކު ވަނީ މަރުވެފައެވެ. ބަލިޖެހުނު މީހުންގެ އެވްރެޖް އުމުރަކީ 33.3 އަހަރެވެ. އަދި މީގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ.

އެޗްއައިވީއަށް ފުރިހަމަ ފަރުވާއެއް ހޯދިފައި ނެތް ނަމަވެސް، އެންޓިރެޓްރޯވައިރަލް ތެރަޕީ (އޭއާރްޓީ) މެދުވެރިކޮށް މި ވައިރަސް ކޮންޓްރޯލް ކުރެވެއެވެ. ޑަބްލިއުއެޗްއޯއިން ފާހަގަކުރާ ގޮތުގައި، ގަވާއިދުން ބޭސްކާ މީހުންގެ ގައިގައި ވައިރަސް ހުންނަ މިންވަރު ދަށްކުރެވިއްޖެ ނަމަ، ޖިންސީ ގުޅުމުގެ ޒަރީއާއިން އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ނޯވެއެވެ.

ބަލި ފެތުރޭ ގޮތާއި ރައްކާތެރިވުން

އެޗްއައިވީ ފެތުރެނީ ބަލި ހުރި މީހެއްގެ ލޭ، މައިމީހާގެ ގާތުންދޭ ކިރު، އަދި ޖިންސީ ގުޅުމުގެ ތެރެއިން ބޭރުވާ ދިޔައިގެ ޒަރީއާއިންނެވެ. މީގެ އިތުރުން، ބޭނުންކޮށްފައިވާ ސިރިންޖު ފަދަ ތަކެތި ހިއްސާކުރުމަކީ ވެސް ބަލި ފެތުރޭ ސަބަބެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. ނަމަވެސް، ބައްދާލުމާއި، ސަލާމްކުރުމާއި، އަދި ކާތަކެތި ހިއްސާކުރުން ފަދަ އާންމު ދިރިއުޅުމުގެ ކަންކަމުން މި ބަލި ނުފެތުރޭނެ ކަމަށް ޑަބްލިއުއެޗްއޯއިން ކަށަވަރު ކޮށްދެއެވެ.

ބަލިން ރައްކާތެރިވުމަށްޓަކައި ކޮންޑަމް ބޭނުންކުރުމާއި، އެހެން މީހުން ބޭނުންކޮށްފައިވާ ސިރިންޖު ބޭނުން ނުކުރުމަށް ސިއްހީ މާހިރުން ލަފާދެއެވެ. އަދި ބަލީގެ ނުރައްކާ ބޮޑު ހާލަތްތަކުގައި ޕްރީ-އެކްސްޕޯޝާ ޕްރޮފިލެކްސިސް (ޕްރެޕް) އަދި ޕޯސްޓް-އެކްސްޕޯޝާ ޕްރޮފިލެކްސިސް (ޕެޕް) ބޭނުންކުރެވިދާނެ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ރާއްޖެއިން ހޯދި ބޮޑު ކާމިޔާބީ

ރާއްޖޭގައި އެޗްއައިވީގެ ކޭސްތަކެއް ހުރި ނަމަވެސް، މައިމީހާގެ ފަރާތުން ދަރިފުޅަށް ބަލި ފެތުރުން ހުއްޓުވުމުގައި ރާއްޖެއިން ވަނީ ތާރީހީ ކާމިޔާބީއެއް ހޯދާފައެވެ. 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޑަބްލިއުއެޗްއޯއިން ވަނީ، މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން ނައްތާލި ދުނިޔޭގެ ފުރަތަމަ ގައުމުގެ ގޮތުގައި ރާއްޖެ ކަނޑައަޅާފައެވެ.

ޑަބްލިއުއެޗްއޯއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ރާއްޖޭގެ މާބަނޑު މީހުންގެ 95 އިންސައްތައަށް ވުރެ ގިނަ މީހުންނަށް އެންޓިނޭޓަލް ކެއާ ލިބެއެވެ. އަދި 2022 އާއި 2023 ވަނަ އަހަރު އެޗްއައިވީ އަދި ސިފިލިސް ހުރެގެން އެއްވެސް ކުއްޖަކު އުފަންވެފައެއް ނުވެއެވެ. މިއީ ބަލި ދެނެގަތުމަށް ހެދޭ ޓެސްޓުތަކާއި ފަރުވާގެ ނިޒާމު ހަރުދަނާވުމުގެ ނަތީޖާ ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

ޓެސްޓުކުރުމުގެ މުހިންމުކަން

ބަލި ހުންނަ މީހުންގެ އަންދާޒާ އަދަދުތައް ނެރުމަށް ޔޫއެންއެއިޑްސްއިން ބޭނުން ކުރަނީ "ސްޕެކްޓްރަމް" ކިޔާ ސޮފްޓްވެއާއެކެވެ. މި ނިޒާމުގެ ތެރެއިން، މާބަނޑު މީހުންގެ ޓެސްޓުތަކާއި އާންމު ސާވޭތަކުގެ މައްޗަށް ބިނާކޮށް ގައުމުތަކުގެ ހާލަތު އަންދާޒާ ކުރެއެވެ. އެ ޖަމިއްޔާގެ މައުލޫމާތުތަކަށް ބަލާއިރު، ދުނިޔޭގެ ނިސްބަތުން 2025 ވަނަ އަހަރު ނިމުނުއިރު އެޗްއައިވީ ހުރި މީހުންގެ ތެރެއިން 88 އިންސައްތަ މީހުންނަށް އެމީހުންގެ ސްޓޭޓަސް އެނގެއެވެ. މީގެ މާނައަކީ އަދިވެސް ބަލި ހުރެ، އެކަން ނޭނގޭ މީހުން އުޅުމެވެ.

ރާއްޖޭގައި ވެސް ޓެސްޓުކުރުން އިތުރުކުރުމަކީ މުހިންމު ކަމެކެވެ. ބަލި ހުރިކަން ކުރީބައިގައި ދެނެގަނެވިއްޖެ ނަމަ، ފަރުވާ ފަށައި، އާންމު ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި މިއީ މުޖުތަމައުގެ ތެރޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ.