ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އަށް މިދިޔަ އަހަރު 68.7 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާކަން އޮޑިޓަ ޖެނެރަލްގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

މިދިޔަ އަހަރުގެ މާލީ ރިޕޯޓުން ދައްކާގޮތުގައި، އޭއައިއޭއަށް ލިބުނު އާމްދަނީ ކުރީ އަހަރާ އަޅާބަލާއިރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން 2024 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 33 މިލިއަން ރުފިޔާ ކަމަށްވީ ނަމަވެސް، މިދިޔަ އަހަރު އެ އަދަދު ވަނީ 94.3 މިލިއަން ރުފިޔާއަށް އަރާފައެވެ.

އާމްދަނީ އިތުރުވި ނަމަވެސް ހިންގުމުގެ ހާރަދުތައް ބޮޑުވުމުގެ ސަބަބުން އަހަރު ނިމުނުއިރު ގެއްލުމުގެ ގޮތުގައި 68.7 މިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މިއާއެކު މިހާތަނަށް ކުންފުންޏަށް ލިބިފައިވާ ޖުމްލަ ގެއްލުން ވަނީ 817.4 މިލިއަން ރުފިޔާއަށް އަރާފައެވެ. އަދި މި ގެއްލުމުގެ ސަބަބުން ކުންފުނީގެ ސާފު މުދަލުގެ އަގު ވަނީ މައިނަސް 58.2 މިލިއަން ރުފިޔާއަށް ވެއްޓިފައެވެ.

އޮޑިޓް ރިޕޯޓްކޮށްފައިވާ ގޮތުން އެ ކުންފުނީގެ މާލީ ހާލަތު އޮތްގޮތުން، އަވަހަށް ދައްކަންޖެހޭ ދަރަނިތައް ކުންފުނީގައި ހުރި ފައިސާ އާއި މުދަލަށްވުރެ 312.7 މިލިއަން ރުފިޔާ އިތުރުވެފައިވެއެވެ. މިކަމުގެ ސަބަބުން ކުންފުނީގެ ހިންގުން ކުރިއަށް ގެންދެވިދާނެކާމާމެދު ސުވާލު އުފެދޭ ހާލަތަކަށް ގޮސްފައިވީ ނަމަވެސް، ކުންފުނީގެ ހިއްސާދާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދީފައިވާތީ، މާލީ ބަޔާންތައް ތައްޔާރުކޮށްފައިވަނީ ކުންފުނި ހުއްޓާނުލައި ކުރިއަށްދާނެ ކަމަށް ބަލައިގެންނެވެ.

މި އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުން ހަރުމުދަލުގެ އަގު 449.6 މިލިއަން ރުފިޔާއަށް އަރާއިރު، ކުންފުންޏަށް ޖެހިޖެހިގެން ގެއްލުންވަމުންދާތީ އެ މުދަލުގެ އަގު ދަށްވެފައިވޭތޯ ބަލާފައި ނުވެއެވެ. އަދި ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް ދޭންޖެހޭ ފައިސާގެ އިނާޔަތްތަކާ ގުޅޭ ހިސާބުތައް ބައިނަލްއަގުވާމީ މިންގަނޑާ އެއްގޮތަށް މާލީ ބަޔާނުގައި ހިމަނާފައެއް ނުވެއެވެ.

މީގެ އިތުރުން 2023 ވަނަ އަހަރު ސަރުކާރާއެކު ސޮއިކުރި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ މުދާ ކެޕިޓަލް ވޯކް އިން ޕްރޮގްރެސްގެ ގޮތުގައި މާލީ ހިސާބުތަކުގައި ބަލައިގެންފައި ނުވާއިރު މި މަޝްރޫއުގެ މާލީ ކަންކަމާ ގުޅޭ އެކަށީގެންވާ މައުލޫމާތު ހާމަކޮށްފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ.