ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑްސް 2026" ގެ މުހިންމު ދެ ކެޓަގަރީއަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު އުފަލާއެކު ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ މައި އެއާޕޯޓް ނޮމިނޭޓްވެފައިވަނީ "އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓް 2026" ގެ މަގާމަށެވެ. މީގެ ކުރިންވެސް 12 ފަހަރު މި ލަގަބު ހޯދާފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިފަހަރު ލިބުނު ނޮމިނޭޝަނަކީ، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ފާހަގަކޮށްލެވޭ އެންމެ ކުރިއަރާފައިވާ އެއް އެއާޕޯޓުގެ ގޮތުގައި އެ އެއާޕޯޓުން ދަމަހައްޓަމުންދާ މަގާމު ރަމްޒުކޮށްދޭ ކަމެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ފޮޓޯ: އެމްއޭސީއެލް

މީގެ އިތުރުން، އެއާޕޯޓުން ފޯރުކޮށްދޭ ވީއައިޕީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ "މާމަހި އެގްޒެކެޓިވް ލައުންޖް" ނޮމިނޭޓްވެފައިވަނީ "އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓް ލައުންޖް 2026" ގެ މަގާމަށެވެ. މިއީ ފަސިންޖަރުންނަށް ފެންވަރު ރަނގަޅު އަދި އަރާމު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ލައުންޖުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ބަލައިގަތުމެކެވެ.

1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. އެމްއޭސީއެލް އިން ބުނި ގޮތުގައި މި ނޮމިނޭޝަންތަކަކީ އެއާޕޯޓުގެ ހިދުމަތްތައް ތަރައްގީކޮށް، ފަސިންޖަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށާއި، ދިވެހިރާއްޖޭގެ މައި ދޮރާށީގެ މަގާމު ވަރުގަދަކުރުމަށް އެ ކުންފުނިން ކުރަމުންދާ މެދުނުކެނޑި މަސައްކަތްތަކުގެ ހެއްކެކެވެ.

ވެލާނާ އެއާޕޯޓުގެ މާމަހި އެގްޒެކެޓިވް ލައުންޖް އިން ހިދުމަތް ހޯދަނީ / ފޮޓޯ: އެމްއޭސީއެލް

މި އެވޯޑަށް ވޯޓު ދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް ތިރީގައިވާ ލިންކުތަކުން ވޯޓު ދެއްވޭނެއެވެ:

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވޯޓު ދެއްވުމަށް

މާމަހި އެގްޒެކެޓިވް ލައުންޖަށް ވޯޓު ދެއްވުމަށް