ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މުހިންމު ހަތަރު ބިލެއްގެ ފުރަތަމަ ކިޔުން މިއަދު މަޖިލީހުގައި އިއްވައިފިއެވެ.

މިއަދު މެންދުރުފަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވާފައިވާ ހަތަރު ބިލަކީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހުށަހެޅުއްވި މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާބެހޭ ބިލާއި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި އަބުރާ ބެހުމަކީ މަދަނީ ކުށެއްކަމަށް ކަނޑައެޅުމުގެ ބިލެވެ.

މީގެ އިތުރުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ހުށަހެޅުއްވި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގެ ފުރަތަމަ ކިޔުންވަނީ މަޖިލީހަށް އިއްވާފައެވެ.

ސަރުކާރުން ހުށަހަޅާފައިވާ މި މުހިއްމު ބިލްތަކުގެ ތެރެއިން އިމިގްރޭޝަން ބިލުގައި އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތަށް ހިމަނާފައިވާއިރު، މިއީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ކަންކަން ހިންގައި ބެލެހެއްޓުމާއި ހަރުދަނާކުރުމުގެ ބޭނުމުގައި ހުށަހެޅުއްވި ބިލެކެވެ.

މަރުގެ އަދަބުގެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުން އެ ބިލުގެ ބޭނުމަކީ ރާއްޖޭގެ ގާނޫނުއަސާސީ އާއި، ބައިނަލްއަގްވާމީ އުސޫލުތަކާއި، އާންމު ރައްޔިތުންނާއި ކުށްވެރިޔާގެ ހައްގުތަކަށް ރިއާޔަތްކޮށް، މީހެއްގެ މައްޗަށް އަދަބު ތަންފީޒުކުރުމާގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރާ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުމެވެ.

މެންބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި އަބުރާ ބެހުމަކީ މަދަނީ ކުށެއްކަމަށް ކަނޑައެޅުމުގެ ބިލުގައި ވަނީ މިއީ މުޖުތަމައުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި، ފަރުދުންގެ އަބުރު ރައްކާތެރިކޮށް ދެމެހެއްޓުމާ ދެމެދު އެކަށީގެންވާ ހަމަހަމަކަމެއް ގާއިމްކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އަދި ރިއަލް އެސްޓޭޓް ބިލުގެ ބޭނުމަކީ ދެފުށް ފެންނަ، ހާމަކަން ބޮޑު ނިޒާމެއްގެ ތެރެއިން ރިއަލް އެސްޓޭޓް ވިޔަފާރިއަށް މަގުފަހިކޮށްދިނުމެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި ހަތަރު ބިލަކީ މުހިންމު ފަންނީ ބިލުތަކެއްކަން ފާހަގަކުރައްވައި، މި ބިލުތައް ހުށަހަޅާފައިވަނީ ދިރާސާކުރުމުގެ މަރުހާލާ ރަނގަޅަށް ފުރިހަމަކޮށްގެންކަމަށް ވިދާޅުވެފައެވެ.