ޕާކިސްތާނުގެ ހައިބަރު ޕަހްތުންހުވާ ޕްރޮވިންސްގެ ސްވާޓް ވާދީގައި ޖާނުންފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި މަދުވެގެން 14 މީހުން މަރުވެއްޖެއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާދީއްތަ ދުވަހުގެ ހަވީރު މި ހަމަލާ ދީފައިވަނީ ސްވާޓްގެ ކަބާލް އަވަށުގައި ހުންނަ ފުލުހުންގެ މަރުކަޒެއްގެ ބޭރުގައެވެ. މި ހާދިސާ ހިނގާފައިވަނީ އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ދެކޮޅަށް އަޑުއުފުލުމަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ މުޒާހަރާކުރަމުން ދިޔަ ސަރަހައްދަކާ ކައިރީގައެވެ.

ސްވާޓް ޑިސްޓްރިކްޓް ޕޮލިސް އޮފިސަރު އުމަރު ހާން ވިދާޅުވި ގޮތުގައި، ހަމަލާދިން މީހާ އޭނާގެ ހަށިގަނޑުގައި ހަރުކޮށްފައިވާ ގޮވާއެއްޗެހި ގޮއްވާލީ ފުލުހުންގެ މަރުކަޒަށް ވަންނަން އުޅުމުން އޭނާ ހުއްޓުވައި ފާސްކުރަން ފުލުހުން މަސައްކަތްކުރުމުންނެވެ. ސްވާޓްގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ފިދާ ހުސައިން ވިދާޅުވީ މި ހަމަލާގައި މަދުވެގެން 22 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

މި ގޮވުން ގޮވާފައިވަނީ މުޒާހަރާގެ އެންމެ ފަހު މީހާ ވާހަކަދައްކަމުން ދިޔަ ވަގުތުގައެވެ. މުޒާހަރާގެ ބައިވެރިން އެއްވެފައިވަނީ ސްވާޓްގައި އަނެއްކާވެސް ހަމަލާތައް އިތުރުވަމުންދާތީ އެކަން ކުށްވެރިކުރުމަށެވެ. މުޒާހަރާގައި ވާހަކަދެއްކި މީހުން ވަނީ، ހަތިޔާރުއެޅި މީހުން ފަރުބަދަތަކުގައި ފާޅުގައި ހަރަކާތްތެރިވެ އެ މީހުންގެ ވީޑިއޯތައް މީސްމީޑިއާގައި އާންމުކުރަމުންދާއިރު، ސުލްހަވެރި އާންމުންނާ ދެކޮޅަށް ކަމާބެހޭ ފަރާތްތަކުން ހަރުކަށި ފިޔަވަޅު އަޅަމުންދާ ކަމަށް ބުނެ ތުހުމަތުކޮށްފައެވެ.

ޕާކިސްތާނުގެ ނޫހެއް ކަމަށްވާ ޑޯން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މުޒާހަރާގައި ވާހަކަދެއްކި މީހަކު ބުނީ އެތައް އަހަރެއް ވަންދެން ލޭއޮހޮރުވުންތައް ފެނިފައިވާ ކަމަށާއި، އިތުރު ޖީލެއްގެ އަންހެނުން ހުވަފަތްވެ، ކުދިން ޔަތީމުވާން ބޭނުންނުވާ ކަމަށެވެ.

ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީއާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ މި ހަމަލާ ކުށްވެރިކުރައްވައިފައެވެ. އަދި ޓެރަރިޒަމް ނައްތާލެވެންދެން އެކަމާ ދެކޮޅަށް ޕާކިސްތާނުން ކުރާ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ދެ ބޭފުޅުން ވިދާޅުވިއެވެ. މީގެ އިތުރުން، އިންޓީރިއަރ މިނިސްޓަރު މުހްސިން ނަގްވީ ވެސް ވަނީ މި ހަމަލާ ކުށްވެރިކުރައްވައި، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި އުފުލާފައެއް ނުވެއެވެ. ނަމަވެސް، މިއީ ހައިބަރު ޕަހްތުންހުވާ ޕްރޮވިންސްގައި ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ދިން ހަމަލާއެކެވެ. އެ ސަރަހައްދުގައި ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އިން ދަނީ 2007 ވަނަ އަހަރުން ފެށިގެން ދައުލަތާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ. މީގެ ކުރިން 2009 ވަނަ އަހަރު ޕާކިސްތާނު އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގައި ޓީޓީޕީ ވަނީ ސްވާޓް ވާދީން ބޭރުކޮށްފައެވެ.

ފާއިތުވި ދުވަސްތަކުގައި އެ ސަރަހައްދުގައި ވަނީ ނުރައްކާތެރި އެހެން ހަމަލާތަކެއްވެސް ދީފައެވެ. މި ހަމަލާގެ ތިން ދުވަސް ކުރިން ހަންގޫ ޑިސްޓްރިކްޓްގައި ގޮވާއެއްޗެހި ހަރުކޮށްފައިވާ ޑްރޯންތަކެއް ބޭނުންކޮށްގެން ދިން ހަމަލާއެއްގައި 11 ފުލުހުން މަރުވެފައިވެއެވެ. އަދި ޖުލައި މަހުގެ ފަހުކޮޅު ޓޭންކް ސަރަހައްދުގައި ކާރެއް ގޮއްވާލައިގެން ދިން ހަމަލާއެއްގައި 27 ސިފައިން މަރުވެފައިވާއިރު، އެ ހަމަލާގެ ޒިންމާ ޓީޓީޕީން ވަނީ އުފުލާފައެވެ.

ޕާކިސްތާން އިންސްޓިޓިއުޓް ފޯ ކޮންފްލިކްޓް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ޖުލައި މަހު އެކަނިވެސް އެ ޕްރޮވިންސްގައި ޓެރަރިޒަމާ ގުޅުންހުރި ހާދިސާތަކުގައި 154 މީހުން މަރުވެފައިވެއެވެ. މިއީ ޖޫން މަހާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.

އަފްގާނިސްތާނުގެ ތާލިބާން ސަރުކާރުން ހަތިޔާރުއެޅި ޖަމާއަތްތަކަށް ހިމާޔަތްދޭ ކަމަށް ޕާކިސްތާނުން ތަކުރާރުކޮށް ތުހުމަތުކުރަމުންދާއިރު، ކާބުލް އިން ދަނީ އެކަން ދޮގުކުރަމުންނެވެ. މި މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައިވާއިރު، މިއަހަރުގެ ކުރީކޮޅު ޕާކިސްތާނުން ވަނީ އަފްގާނިސްތާނުގެ ސަރަހައްދަށް ވައިގެ ހަމަލާތަކެއްވެސް ދީފައެވެ. ކާބުލް އާއި އދ. އިން ބުނެފައިވާ ގޮތުގައި އެ ހަމަލާތަކުގައި އެތައް އާންމުންނެއް މަރުވެފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި، ސަލާމަތީ ބާރުތަކުން މިހާރު ވަނީ ހަމަލާ ދިން ސަރަހައްދު ބަންދުކޮށް ތަހުގީގު ފަށައިފައެވެ. އަދި އަނިޔާވި މީހުން ކައިރީގައި އޮންނަ ސައިދޫ ޝަރީފް ސިޓީގެ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ފުލުހުން ދަނީ އެ ސަރަހައްދުގައި އިތުރު ފާސްކުރުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ.