ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

އޮކްޓޫބަރު 20 އިން 22 އަށް ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ އެ ގައުމުގެ ބޮޑުވަޒީރު، މުހައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މި ތާރީހީ ދަތުރުފުޅާ ބެހޭ ގޮތުން ރައީސް އޮފީހުން މައުލޫމާތު ދެއްވިގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމެވެ. އެގޮތުން، މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި މަތީ ފަންތީގެ ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމުގެ ގޮތުން މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރުމަށްވެސް ވަނީ ތާވަލުކުރެވިފައެވެ.

ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅަކީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ބޭއްވޭ މަތީ ފަންތީގެ ފުރަތަމަ ރަސްމީ ބައްދަލުވުން ހިމެނޭ ދަތުރުފުޅެވެ. އަދި މިއީ 26 ޖުލައި 1966 ގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ވަރަށް ހާއްސަ އަދި ތާރީހީ ދަތުރުފުޅެކެވެ.