ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސްކަމުގެ މަގާމުގައި މިހާރު ވެސް ހުންނެވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އެ ޕާޓީގެ ކުރިއަށް އޮތް ދައުރުގެ ނައިބު ރައީސްކަމަށް އަލުން ކުރިމަތިލެއްވުމަށް ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ޕާޓީގެ ނައިބު ރައީސްކަމަށް ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ލީޑަރު ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ތާއީދާއި އިތުބާރާއެކު ކަމަށެވެ. ސައީދު ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައި ޕީއެންސީން ހޯދި ބޮޑެތި ކާމިޔާބީތަކާއި ރައްޔިތުންގެ މަގުބޫލުކަން ހޯދުމުގައި ހިއްސާވެވަޑައިގެންނެވުނު ކަމީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ.
އިތުރަށް ސައީދު ވިދާޅުވީ ދިވެހިވަންތަ ގައުމީ ފިކުރުގައި، ފަހި ވަގުތުތަކުގައާއި އުންދަގޫ ހާލަތްތަކުގައި ވެސް ސާބިތުކަމާއެކު ދެގޮތެއްނުވެ ދެމިހުރުމުގެ ތަޖުރިބާ އޭނާގެ ކިބައިގައި ހުންނާނެ ކަމަށެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ އޭނާގެ މައިގަނޑު އަމާޒަކީ ރައީސް ޑރ. މުއިއްޒުގެ ހިކުމަތްތެރި ލީޑަރޝިޕްގެ ދަށުން ކޮންގްރެސް ޕާޓީ އިތުރަށް ކުރިއެރުވުންކަމަށާއި، ޕާޓީއަށް މިހާތަނަށް ލިބިފައިވާ ކާމިޔާބީތައް ދަމަހައްޓައި، ޕާޓީގެ އެތެރޭގެ ރޫހު އިތުރަށް ވަރުގަދަކުރުން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ހިދުމަތްތެރި ސިޔާސީ ޕާޓީގެ ގޮތުގައި ޕީއެންސީ އަބަދު ވެސް ބޭއްވުމަކީ އެންމެ މުހިންމު އަމާޒުކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ކުރިއަށް އޮތް ދައުރުގެ ނައިބު ރައީސްކަމަށް އަލުން ކުރިމަތިލައްވާ އިބްރާހިމް ޝުޖާއު ވަނީ އޭނާ ހޮވަންވީ ކީއްވެގެންކަން ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން ޝުޖާއު ވިދާޅުވީ 2013 އިން 2018 އަށް ގާއިމުވީ ޕީއެންސީގެ ފުރަތަމަ ވެރިކަން ނިމުމާއެކު އޭރު ލީޑާޝިޕުގައި އިސްކޮށް އުޅުއްވި ބޭފުޅުން ޕާޓީއާ ދުރަށް ޖެހިވަޑައިގެންކަމަށާއި ނަމަވެސް އެ ހާލަތުގައި ވެސް ޕާޓީގެ ރައީސް، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު ޕީއެންސީގައި ސާބިތުވެ އޭނާ ހުންނެވިކަމަށެވެ.
ޝުޖާއު ވިދާޅުވީ ކޮންގްރެސް ޕާޓީ އިދިކޮޅުގައި އޮތް އިރު އެމްޑީޕީގެ ސިޔާސަތުތަކާ ދެކޮޅަށް ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރެއްވިކަަމަށާއި، އަދި ޕާޓީއަށް އިހުލާސްތެރި މަސައްކަތްތަކެއް މިއަދާ ހަމައަށް އައިރު ކޮށްދެވިފައިވާކަން ގަބޫލުކުރައްވާކަމަށެވެ.
ބާރަށު ދާއިރާގެ މެމްބަރުކަމުގައި މިހާރު ހުންނެވި ޝުޖާއު ވަނީ މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ.
