ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، މާލެ ސަރަހައްދުން ވިލިމާލޭގެ ބްރިޖު މަސައްކަތް ކުރާ ސަރަހައްދަށް މިއަދު އުދަ އަރަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ވިލިމާލޭގައި ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގެ ގޮނޑުދޮށުން ރާޅު އަރައި، މަގުމައްޗާ ހަމައަށް ވަނީ ލޮނުގަނޑު ފެތުރިފައެވެ. މީގެ ސަބަބުން އެ ސަރަހައްދުގެ ދަތުރުފަތުރަށާއި މަސައްކަތްތަކަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އެންމެ ފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު، މިއަދު މެންދުރުފަހު 3:30 އިން ފެށިގެން މިރޭ 7:30 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ.
ވައިގެ ބާރު ހުންނާނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދު ގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ. ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން 5 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ.
މެޓް އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހިފައި ވަނީ ހުޅުމާލެއަށެވެ. އެއީ 84.2 މިލިމީޓަރެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ބ. ދަރަވަންދޫއަށް 83.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، އއ. ތޮއްޑޫއަށް 72.3 މިލިމީޓަރު، މާލެއަށް 66 މިލިމީޓަރު އަދި ހުޅުލެއަށް 69 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ، ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް އިންތިހާއަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ހެނދުނުވެސް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވެއެވެ.
