ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރެކޯޑު މާލީ ނަތީޖާއެއް ހާސިލުކޮށް، ބޭންކުގެ ހިންގުން އާ އުސްމިނަކަށް ގެންގޮސްފިއެވެ. ބޭންކުން އާންމުކުރި މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާގޮތުން، ވޭތުވެދިޔަ ހަ މަސްދުވަހު ބޭންކަށް ސާފު ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 21 ޕަސެންޓްގެ ބޮޑު ކުރިއެރުމެކެވެ.
މި ނަތީޖާއަކީ ބޭންކުން ގެންގުޅޭ ހަރުދަނާ މާލީ ސިޔާސަތުތަކާއި، ރިސްކު މެނޭޖްކުރުމުގެ އުސޫލުތަކުގެ ސަބަބުން ލިބުނު ކުރިއެރުމެއްކަން ބޭންކުން ފާހަގަކުރެއެވެ. ބޭންކުގެ ޖުމްލަ އާމްދަނީ 3.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ވަނީ ރެކޯޑު ކުރެވިފައެވެ. އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ އިންޓްރެސްޓުން ލިބުނު 1.6 ބިލިއަން ރުފިޔާއާއި، ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު 830 މިލިއަން ރުފިޔާއެވެ.
ބޭންކުގެ މާލީ ދުޅަހެޔޮކަން ހާމަކޮށްދޭ އެންމެ މުހިންމު އެއް ތަފާސްހިސާބަކީ ބެލެންސް ޝީޓަށް އައި ބަދަލެވެ. އެގޮތުން، ޖޫން މަހުގެ ނިޔަލަށް ބޭންކުގެ ޖުމްލަ އެސެޓް ވަނީ 62.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ކަސްޓަމަރުން ބޭންކަށް އިތުބާރުކޮށް ޖަމާކޮށްފައިވާ ފައިސާ ނުވަތަ ޑިޕޮސިޓްގެ އަދަދު 41.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އިގްތިސާދީ އެކި ސެކްޓަރުތަކަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު ވަނީ 30.5 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެކަނިވެސް ބޭންކުން ވަނީ އަލަށް 8 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.
ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައިވެސް، ބީއެމްއެލް އިން ވަނީ ގައުމަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި އިސްދައުރެއް އަދާކޮށްފައެވެ. މިގޮތުން، ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ޖުމްލަ 478 މިލިއަން ޑޮލަރު ބޭންކުން ވަނީ ދޫކޮށްފައެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 80 މިލިއަން ޑޮލަރެވެ. މިއީ 2025 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށްވުރެ 30 ޕަސެންޓް އިތުރު، 2023 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށްވުރެ ދެގުނަ އިތުރު، އަދި މިއީ 2021 ވަނަ އަހަރާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެކެވެ. މީގެ ތެރޭގައި ޓީޓީ ހެދުމަށާއި ކާޑު މުއާމަލާތްތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުން ހިމެނެއެވެ.
ޓެކްނޮލޮޖީގެ ދާއިރާއިން ބަލާއިރު، ބީއެމްއެލް އިން ދަނީ އާ އީޖާދުތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި 'މޯލްޑިވްސް އޭއައި ލެބް' އިފްތިތާހުކުރުމާއި، ޑިޖިޓަލް ބޭންކިން ހިދުމަތްތައް އިތުރަށް ހަރުދަނާކުރުން ހިމެނެއެވެ.
ބީއެމްއެލް ހާމަކޮށްފައިވާގޮތުން ބޭންކުގެ އަމާޒަކީ ވަރުގަދަ މާލީ ބިންގަލެއްގެ މަތީގައި ތިބެ، ރާއްޖޭގެ އިގްތިސާދީ ތަރައްގީގައި މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމެވެ. އެގޮތުން ބީއެމްއެލް އިން 2026 ވަނަ އަހަރުގެ ދެވަނަ ހަ މަސްދުވަހާ ކުރިމަތިލަނީ ކަސްޓަމަރުންގެ އިތުބާރާއި މާލީ ގާބިލުކަމާއެކު، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމުގެ ސާބިތު އަޒުމުގައެވެ.
