ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގެ ދަށުން، އިއްޔެ ހުޅުމާލެ ރަށު މާރުކޭޓުގައި ހާއްސަ ރެއިޑެއް ހިންގައިފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި، މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ދެނެގަނެ، އެފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ޓާސްކް ފޯހުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ރެއިޑްގެ ތެރެއިން ރަށު މާރުކޭޓު ސަރަހައްދުގައި މަސައްކަތް ކުރަމުންދިޔަ ޖުމްލަ 55 ބިދޭސީއަކު ހުއްޓުވައި، އެމީހުންގެ ލިޔެކިޔުންތައް ވަނީ ބަލައި ފާސްކޮށްފައެވެ. މިގޮތުން ބެލި ބެލުމުން، އިމިގްރޭޝަންގެ ގަވާއިދުތަކާ ހިލާފަށް އުޅެމުންދިޔަ 20 ބިދޭސީއަކު ފާހަގަކުރެވި، އެމީހުން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މި މަހު ހިންގި އެހެނިހެން އޮޕަރޭޝަންތަކަށް ބަލާއިރު، މި މަހުގެ 18 ވަނަ ދުވަހު ހުޅުމާލޭގައި ހިންގި 'މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް' (އެމްއެމްސީޕީ) ގެ ދަށުން 11 ބިދޭސީއަކު ޗެކްކޮށް، އޭގެ ތެރެއިން އެކަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މަހުގެ 14 ވަނަ ދުވަހު މާލޭގެ 9 ކެފޭއެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅުނު 10 ބިދޭސީއަކު ވަނީ އަތުލައިގެންފައެވެ.
މި މަހު ހިންގި އެންމެ ބޮޑު އެއް އޮޕަރޭޝަނަކީ މި މަހުގެ 11 ވަނަ ދުވަހު ކ. ތިލަފުށީގައި ކުރިއަށްގެން ދިޔަ ހާއްސަ ރެއިޑެވެ. އެ އޮޕަރޭޝަނުގައި 836 ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފުވި 32 މީހަކު ވަނީ ހިފަހައްޓާފައެވެ. މީގެ އިތުރުން މި މަހުގެ 8 ވަނަ ދުވަހު މާލެ އާއި ހުޅުމާލޭގައި ހިންގި ހަރަކާތުގައި 7 ބިދޭސީއަކު އަދި 5 ވަނަ ދުވަހުގެ ރޭ ހުޅަނގު ބަނދަރު ފުޑް ކޯޓު ސަރަހައްދުން 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މި މަސައްކަތްތައް ކުރިއަށް އޮތް ތަނުގައިވެސް މާލެއާއި އަތޮޅުތެރޭގައި މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.
