މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ނިޔާޒް މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ، އެމްޓީޑީސީގެ އެމްޑީގެ މަގާމުންނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން ސ. މީދޫ، ހަސަންކާރިގޭ، އަހުމަދު ނިޔާޒް ވަކިކޮށްފައިވާ ކަމަށެވެ. ނިޔާޒް އެ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ނިޔާޒް އެމްޓީޑީސީގެ އެމްޑީއަކަށް އައްޔަންކުރީ ނޮވެމްބަރު 2023 ގައެވެ. ނިޔާޒަކީ އެމްޓީޑީސީ އުފެދި، މަސައްކަތް ފަށައިގަތް ދުވަސްވަރުން ފެށިގެން އެ ކުންފުނީގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދެވި، އެ ކުންފުނީގައި ދިގު ތާރީހެއް އޮތް ބޭފުޅެކެވެ.
އިނގިރޭސިވިލާތުން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މާސްޓާސް ހައްދަވާފައިވާ ނިޔާޒް، އެމްޓީޑީސީއާ ގުޅިވަޑައިގަތީ 2007 ވަނަ އަހަރުއެވެ. އޭނާ ވަނީ އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމާއި އޮޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް މެނޭޖަރުކަން ކުރައްވާފައެވެ. މީގެ އިތުރުން 2016 އިން 2018 އަށް އެމްޓީސީސީގެ ޗެއާމަންކަމާއި، 2013 އިން 2016 އަށް އެސްޓީއޯގެ ޗެއާމަންކަން ވެސް އޭނާ ވަނީ ފުރުއްވާފައެވެ.
އެމްޓީޑީސީގެ އެމްޑީގެ މަގާމުން ނިޔާޒް ވަކިކުރިއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގެ މާލީ ހިސާބުތަކަށް ބަލާއިރު ފައިދާ ވަނީ 19 ޕަސެންޓް ދަށަށް ގޮސްފައެވެ. އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ތިން މަހު ފައިދާގެ ގޮތުގައި ލިބިފައިވަނީ 2.8 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 3.4 މިލިއަން ރުފިޔާ އާ އަޅާބަލާއިރު ގާތްގަނޑަކަށް ހަ ލައްކަ ރުފިޔާގެ ދަށްވުމެކެވެ.
