މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ޗެއާޕާސަން ކަމުގެ މަގާމަށް މއ. ދޭލިޔާގެ، އަބްދުﷲ ފާއިޒް މިއަދު އައްޔަނުކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، މިފްކޯގެ ޗެއާޕާސަން ކަމުގެ މަގާމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ފާއިޒް މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.
ފާއިޒަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ، ތަޖުރިބާކާރު ބޭފުޅެކެވެ. މިފްކޯގެ ޗެއާޕާސަން ކަމަށް އައްޔަނުކުރެއްވުމުގެ ކުރިން، އޭނާ ވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއާމަންކަމުގެ މަގާމު ވެސް ފުރުއްވާފައެވެ. އެމްޓީޑީސީގެ ބޯޑަށް ސަރުކާރުގެ ފަރާތުން ފާއިޒް އައްޔަނުކުރެވުނީ ފެބްރުއަރީ 6، 2019 ގައެވެ. އަދި އެ ކުންފުނީގެ ޗެއާމަންކަމާ ފެބްރުއަރީ 13، 2019 ގައި ހަވާލުވެވަޑައިގެންނެވިއެވެ.
ތައުލީމީ ގޮތުން ބަލާއިރު، ފާއިޒަކީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސް އިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން، އޭނާއަކީ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ވެސް މެއެވެ.
ފާއިޒަކީ ވިޔަފާރި އާއި އިގްތިސޯދީ ދާއިރާ ކުރިއެރުވުމަށް ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، 2001 ވަނަ އަހަރުން ފެށިގެން ސާކް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ލައިފް މެންބަރެއްގެ ގޮތުގައި ހިދުމަތްކުރައްވަމުން ގެންދަވާއިރު، ރާއްޖޭގެ މުހިންމު ބައެއް ޖަމްޢިއްޔާތައް އުފެއްދުމުގައި ފައުންޑިންގ މެންބަރެއްގެ ދައުރު ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.
އޭގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެމްއެންސީސީއައި)، މޯލްޑިވިއަން ޓްރޭޑާސް އެސޯސިއޭޝަންމޯލްޑިވްސް އެސޯސިއޭޝަން ފޮ ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ)، ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ހިމެނެއެވެ.
