ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން، މއ. މާންދޫގޭދެކުނުގެ، ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީންގެ ދަރިފުޅު، ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، އެސްޓީއޯގެ ބޯޑު މެންބަރުކަމުން އިސްތިއުފާ ދެއްވުމަށް ދާނިޝް ހުށަހެޅުއްވުމާ ގުޅިގެން، އޭނާގެ އިސްތިއުފާ ގަބޫލުކޮށް މިއަދުން ފެށިގެން އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

ދާނިޝް އެސްޓީއޯގެ ނޮން-އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމަށް އައްޔަންކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭނާއަކީ މިހާރުގެ ޓޫރިޒަމް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީންގެ ދަރިކަލެކެވެ.

ދާނިޝް އަކީ ރާއްޖޭގެ ކޯޕަރޭޓް ގާނޫނީ ދާއިރާގައި ފާހަގަކޮށްލެވޭ ވަކީލެކެވެ. އޭނާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މަޝްހޫރު ލޯ ފާމެއް ކަމަށްވާ އެސްއެޗްސީ ލޯ އެންޑް ޓެކްސް އެލްއެލްޕީގެ ޕާޓްނަރެއްގެ ގޮތުގައެވެ. ދާނިޝް ހާއްސަވެފައި ވަނީ ބޭންކިން، ފައިނޭންސް، ހޮސްޕިޓާލިޓީ، އިންފްރާސްޓްރަކްޗާ އަދި އޭވިއޭޝަން ދާއިރާގެ ގާނޫނީ ކަންކަމަށެވެ.

އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ވޯވިކް އިން ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައިވާ ދާނިޝް ވަނީ ޔުނިވާސިޓީ އޮފް ލޯ އިން ލީގަލް ޕްރެކްޓިސް ކޯސް (އެލްޕީސީ) ފުރިހަމަކުރައްވައި، ލަންޑަންގެ ޗާޓަޑް އިންސްޓިޓިއުޓް އޮފް އާބިޓްރޭޓާސް (ސީއައިއާރްބީ) ގެ މެންބަރުކަންވެސް ހޯއްދަވާފައެވެ.

މީގެއިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ލީގަލް ޑިޕާޓްމަންޓުގައި ކުރިން ހިދުމަތް ކުރައްވާފައިވާ ދާނިޝް އަކީ ބާ ކައުންސިލް އޮފް ދަ މޯލްޑިވްސްގެ ޕަބްލިކް ނޯޓަރީއެއް ވެސް މެއެވެ. އަދި ބައިނަލްއަގްވާމީ ފެންވަރުގެ މަޝްހޫރު ލީގަލް ރޭންކިންއެއް ކަމަށްވާ "ދަ ލީގަލް 500" އިން ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ކޯޕަރޭޓް ޓްރާންސެކްޝަނަލް ވަކީލުގެ ގޮތުގައިވެސް ހިމެނެއެވެ.