ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ކަސްޓަމަރުން ބޭންކިން ހިދުމަތްތަކަށް އެދި ހުށަހެޅުމުގައި އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމަށްޓަކައި، ބޭންކުގެ މޮބައިލް އެޕް އަދި އިންޓަނެޓް ބޭންކިން އަށް އަޕްޑޭޓް ގެނެސް 'އާޔާ' އަށް މުހިންމު ބަދަލުތަކެއް ގެންނަން ފަށައިފިއެވެ.

މި އަޕްޑޭޓްގެ ސަބަބުން 'އާޔާ' މެދުވެރިކޮށް ކަސްޓަމަރުން ކުރާ ސުވާލުތަކަށް ވަގުތުން ޖަވާބު ލިބި، އެކި ހިދުމަތްތަކަށް އެދި ހުށަހެޅުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ކަސްޓަމަރަކު ބޭނުންވެއްޖެ ހާލަތެއްގައި 'އާޔާ' މެދުވެރިކޮށް ބޭންކުގެ މުވައްޒަފަކާ ސީދާ މުއާމަލާތްކޮށް އެހީތެރިކަން ހޯދުމުގެ ފުރުސަތުވެސް މިހާރު ވަނީ ފަހިކޮށްދީފައެވެ. މިއީ ކަސްޓަމަރުންނަށް ބޭނުންވާ ހާއްސަ އެހީތެރިކަން އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބޭންކުން ފާހަގަކުރެއެވެ.

މި ބަދަލުތަކާ ގުޅިގެން، މޮބައިލް ބޭންކިން އެޕް އަދި އިންޓަނެޓް ބޭންކިންގައި މީގެ ކުރިން ބޭނުންކުރަމުން އައި 'މެސެޖިން' ފީޗާ މެދުވެރިކޮށް ހިދުމަތްތަކަށް އެދި ހުށަހެޅުން މެދުކަނޑާލެވޭނެއެވެ.

ބީއެމްއެލް އިން ހާމަކުރި ގޮތުގައި، މިއީ އެ ބޭންކުގެ ޑިޖިޓަލް ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ކަސްޓަމަރުންނަށް އިތުބާރާއި ލުއިފަސޭހަކަމާއެކު ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.