ށ. މާއުނގޫދޫ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް ކާމިޔާބުކަމާއެކު ނިންމާލައިފި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މާއުނގޫދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ "ޑިޒައިން އެންޑް ބިލްޑް" މަޝްރޫޢުގެ ސައިޓުގައި ކުރަންޖެހޭ އެންމެހާ އަމަލީ މަސައްކަތްތައް މިހާރު މުޅިން ނިމިފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ރަށުގެ ގިރާ ސަރަހައްދުގައި ބޮޑުހިލަ ބޭނުންކޮށްގެން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކޮށްފައިވާކަމަށާއި، އުދައެރުމާއި ރާޅުތަކުގެ އޮއިވަރުން ގޮނޑުދޮށް ރައްކާތެރިކުރުމަށް ގްރޮއިންސް ޖެހުމުގެ މަސައްކަތް ވެސް ކޮށްފައިވާކަމަށެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 1 މާރިޗު 2023ގައެވެ. އަދި މިއީ 14.93 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ށ. މާއުނގޫދޫއަކީ ހުޅަނގު މޫސުމުގެ ދުވަސްވަރާއި އިރުވާ މޫސުމުގައި ވެސް ރަށުގެ ސަރަހައްދުތަކުން ބޮޑުބައެއް ގިރަމުންދިއުމުގެ މައްސަލަ ބޮޑުވެފައިވާ ރަށެކެވެ.
މި މަޝްރޫއު ނިމުމާއެކު، ރަށުގެ ގޮނޑުދޮށަށް ލިބެމުންދިޔަ ގެއްލުންތަކަށް ދާއިމީ ހައްލެއް ލިބި، ރަށުގެ ނާޒުކު ތިމާވެއްޓާއި އާންމުންގެ މުދަލާއި ގެދޮރު ރައްކާތެރިކުރެވިގެންދާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
