ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު ހަތް ބްރާންޗުގެ ހިދުމަތްފަށައި ބޭންކިން ވިއުގަ ފުޅާކޮށްފިއެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ބްރާންޗްތައް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
މި ބްރާންޗުތައް ހުރި ރަށްތަކަކީ:
ހއ. ހޯރަފުށި
ށ. ކަނޑިތީމު
ރ. އަލިފުށި
ޅ. ހިންނަވަރު
އދ. މާމިގިލި
ގއ. ގެމަނަފުށި
ލ. މާވަށް
މި ބްރާންޗުތަކާއެކު، ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 20 އަތޮޅުގައި ޖުމްލަ 55 ބްރާންޗު ހިންގަމުންދެއެވެ. މީގެ ތެރޭގައި މިދިޔަ ދެއަހަރުތެރޭ ހުޅުވި 17 ބްރާންޗް ހިމެނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއަށް ލިބޭ ކުރިއެރުން ބޭންކުން އިންވެސްޓް ކުރަނީ މުޖުތަމައުތަކުގައި ބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށާއި ބޭންކަށް ލިބޭ މާލީ ކުރިއެރުމުގެ ސަބަބުން މުޅި ރާއްޖެއަށް ފެތުރިފައިވާ ބީއެމްއެލްގެ ވިއުގައަށް އިންވެސްޓްކޮށް، ކޮންމެ ދިވެއްސަކާ ގާތުން ބޭންކިން ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށްކަމަށެވެ. އަދި މީގެ ސަބަބުން ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބި، އެފަރާތްތަކުގެ ކުރިއެރުމަށް މަގުފަހިވެގެންދާނެކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ރާއްޖޭގެ އެންމެ ބޮޑު ބޭންކިން ވިއުގަ ހިންގަމުންނެވެ. މީގެ ތެރޭގައި 20 އަތޮޅުގައި ހުރި 55 ބްރާންޗާއި، 340 އޭޓީއެމްގެ އިތުރުން ޒަމާނީ ޑިޖިޓަލް ބޭންކިން ވަސީލަތްތައް ހިމެނެއެވެ. މީގެއިތުރުން، އާ އީޖާދުތަކާއި ހިދުމަތްތައް ފުޅާކުރުމުގެ ޒަރީއާއިން މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކުން ދެމިއޮންނާނެކަމުގެ ޔަގީންކަން ބީއެމްއެލް އިން ދީފައިވެއެވެ.
