މާލެއިން ދ. ވާނީއަށް ދަތުރުކުރަމުން ދިޔަ ފުލުހުންގެ ލޯންޗަކަށް، ކ. އަތޮޅު ރިސޯޓަކުން ސްނޯކްލިންގަށް ގޮސް އުޅުމުގެ ތެރޭގައި އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ފެނިގެން ސަލާމަތް ކޮށްފިއެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރުފަހު 14:26 އެހާކަންހާއިރު ކަމަށެވެ. ފަތުރުވެރިޔާ ފެނިފައި ވަނީ ފުލުހުންގެ "ލޯންޗް 54" ދަތުރުކުރަމުން ދަނިކޮށް، އޭނާ ހުރި ރިސޯޓާ ގާތްގަނޑަކަށް މޭލެއްހާ ބޭރަށް އޮޔާ ގޮސްފައި ވަނިކޮށެވެ.

ކަނޑުމަތިން މި ފަތުރުވެރިޔާ ފެނުމާއެކު، ފުލުހުން ވަނީ ވަގުތުން އޭނާއަށް އެހީތެރިކަން ފޯރުކޮށްދީ، ލޯންޗަށް ނަގާފައެވެ. އަދި ރައްކާތެރިކަމާއެކު އޭނާ ވަނީ އަނބުރާ އެ ރިސޯޓަށް ގެންގޮސްދީފައެވެ.

ފުލުހުން ބުނި ގޮތުގައި، ސަލާމަތްކުރި ޗައިނާ ފަތުރުވެރިޔާގެ ހާލު ރަނގަޅެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ސްނޯކްލިންގަށް ގޮސް އުޅުމުގެ ތެރޭގައި އޮއިގަދަވުމުގެ ސަބަބުން ބޭރަށް ދަމައިގަނެ، ގެއްލިގެން ހޯދަންޖެހޭ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.