ދިވެހި ގައުމުގެ ތަރައްގީއަށާއި ރައްޔިތުންގެ މަންފާއަށްޓަކައި ދައުލަތުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުން ދައްކަވަމުންދާ ނަމޫނާ ހިތްވަރާއި، އެ މުވައްޒަފުންގެ ފަންނީ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތައުރީފު ކުރައްވައިފިއެވެ.

ބައިނަލްއަގްވާމީ ޕަބްލިކް ސާވިސް ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި، މުޖުތަމައުތަކަށް ހިދުމަތް ކުރުމުގައާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައާއި، ރައްޔިތުންގެ ލާބައަށްޓަކައި މުވައްޒަފުން ވަރުބަލިކަމެއް ނެތި ކުރައްވާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒުގެ މެސެޖުގައި، ދައުލަތުގެ މުއައްސަސާތައް ހަރުދަނާ ކުރުމަށާއި، އިހްލާސްތެރިކަމާއި، ފަންނީ ހުނަރުވެރިކަމާއެކު ނަމޫނާ ހިދުމަތްތަކެއް ފޯރުކޮށްދޭ މުވައްޒަފުންނަށް އެއްބާރުލުން ދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. މީގެ އިތުރުން، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ދައުލަތުގެ މުވައްޒަފުންނާއި މުއައްސަސާތަކުން ގައުމަށާއި ރައްޔިތުންނަށްޓަކައި ބަހައްޓަވާ ސާބިތުކަމާއި ދެއްވާ ހިދުމަތްތަކަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 23 ވަނަ ދުވަހަކީ އދ. އިން ކަނޑައަޅާފައިވާ ބައިނަލްއަގްވާމީ ޕަބްލިކް ސާވިސް ދުވަހެވެ.