އަތުގެ އިނގިލިކުރި ލޯގަނޑުގައި ޖެހުނު ވަގުތު ތަޒްކިޔާގެ އަޑު ޒިބާނަށް އިވުމުން އޭނާގެ ހަރަކާތް ހުއްޓުނެވެ. ޒިބާންގެ އިނގިލި ކުރި އެ ލޯގަނޑުގައި ޖެހުނު ވަގުތު އެއަށް އައި ބަދަލު ފެނުމުން ޒިބާނަށް އިިތުރު ހައިރާންކަމެއް ލިބުނެވެ. އަނބުރާ ޒިބާންގެ އަތް އެ ލޯގަނޑުގައި ޖައްސާލީ ފެންގަނޑެއްހެން އެ ލޯގަނޑުގެ މަތީ ފަށަލަ ރާޅު ބާނި ލައްވާލި ގޮތުންނެވެ. ޒިބާންގެ އަތް އެލޯގަނޑުގައި ދެވަނަ ފަހަރަށް ޖެހުނު މަންޒަރު ބަލަން ހުރި ތަޒްކިޔާ، ދެއަތުން އަނގަމަތި ނިވާކޮށްލީ އޭނާގެ ހިތުގައި އުތުރި އަރަމުން ދިޔަ ޝައްކު ހަގީގަތަކަށް ވާން އުޅޭނީއޭ ހީވުމުންނެވެ.

ޒިބާންގެ އިނގިލިތައް ފެން ފަށަލަ ފޫދުއްވާލާފައި އެތެރެއަށް ވަންނަން ފެށުމުން، މަންޒަރު ބަލަން ހުރި ސައިބްރޯތަށް ކަމެއް ހަނދާންވެގެން އުޅޭ ފަދައަކުން ތެޅިގަނެވުނެވެ. ޒިބާންގެ ކޮނޑުގައި ހިފާ އެއްފަރާތަކަށް އޭނާ ހޫރާލީ، އެ ލޯގަނޑު ހުރަސްކޮށް އަނެއްފަރާތަށް ދާން މަސައްކަތް ނުކުރުމަށް އެދި އިންޒާރު ދެމުންނެވެ.

ދެބުމަ ގޮށްޖަހާލަމުން ޒިބާން ތެދުވެ ދެއަތް ފޮޅާލީ ސައިބްރޯތާ ދެކޮޅު ހަދާފަ އެ ލޯގަނޑުގެ އަނެއް ފަރާތުގައިވާ މަންޒިލަށް ދާން ގަސްތުކުރަމުންނެވެ. "މަގޭ ދަރިންނަށް ކަމެއް ވެއްޖިއްޔާ އަހަރެން މަރުވެދާނެ.. އެކުދިން ސަލާމަތްކުރަން އަހަރެން ދާން ޖެހޭނެ.. ކުރިން ފަހަރުވެސް ދުނިޔެއަށް ގޮސްގެން ޒޯއީއަށް ވީ ގޮތް ހަނދާން އެބަހުރިތަ؟.. އެއީ މަންޝާއާ އަހަރެންގެ ހުރި ހަމައެކަނި ލޯބީގެ ނިޝާން.. ޒޯއީއަށް ކަމެއްވެއްޖިއްޔާ އަހަރެން އަމިއްލަ ނަފްސަށް ދުވަހަކުވެސް މާފެއް ނުކުރެވޭނެ..."

ޒިބާންގެ ހިތް ފަޅައިގެން ދާން ކައިރިވެފައިވީ ނަމަވެސް މިވަގުތު ޒިބާން ހުއްޓުވުން އޮތީ ސައިބްރޯތުގެ އަތްމަތީގައެވެ. ސައިބުރޯތު ވާހަކަ ދެއްކީ ލޯތްބާއެކީ ޒިބާނަށް ވިސްނައިދޭށެވެ. "ޒިބާން.. އެކޮޅުގަ ޒޯއީއާ މެހެކްގެ ރައްކަލަށް ސަކޭރާ ކިޔެވެލި ކިޔަވަމުންދާ އިރު ޒިބާން އެތަނަށް ދިއުމަކީ ރަނގަޅުކަމެއް ނޫން... ޒިބާން ގޮއްސިއްޔާ ސަކޭރާގެ ކިޔެވެލ ބާރުގަދަކުރަންޖެހޭ އިރު އެހާ ހިތްވަރެއް އޭނަގެ މުސްކުޅިގައިގައެއް ނުހުންނާނެ..."

ސައިބްރޯތުގެ އެދުމަށް ފުރަގަސްދެމުން ޒިބާން ކުރިއަށް ޖެހިލީ ލޯގަނޑާ ކައިރިވާށެވެ. ނަމަވެސް އެވަގުތު ލޯގަނޑަށް އަންނަމުން ދިޔަ ބަދަލުތައް ފެނި ޒިބާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

*** *** *** *** *** ***

ޒޯއީގެ އަތުގައި ހިފަމުން މެހެކް ކިޔަވަން ފެށީ ދެލޯ މަރާލަމުންނެވެ. ޒޯއީ ހުރީ އެ ހުރިތަނަށް ގަނޑުވެފައެވެ. މެހެކާ ސަކޭރާއަށް އެ މަންޒަރު ނުފެނުނަސް އޭނާއަށް އޭނާގެ މަންމަ މަންޝާ ފެނެއެވެ. މަންޝާގެ ދެލޯ މެރެމުން ދިޔައިރުވެސް ގަދައަޅާ މަސައްކަތް ކުރަމުން ދިޔައީ ޒޯއީއާ ހަމައަށް ވާސިލް ވެވޭތޯއެވެ.

އިވުނު އަޑަކާ އެކީ ސަކޭރާއަށް ބަލާލެވުނީ ބަނބުކެޔޮ ގަހުގައި ލަށްކޮށްފައިވާ ލޯގަނޑާ ދިމާއަށެވެ. އޭރު އެ ލޯގަނޑަށް ބަދަލުތަކެއް އަންނަ ފަށައިފިއެވެ. އެމީހުން ދާން ޖެހިއްޖެއޭ ބުނެ މެހެކަށް ސަކޭރާ ގޮވާލިއެވެ. ޒޯއީގެ އަތުގައި ހިފައިގެން ހުރި މެހެކް ފަސް އެނބުރި ލޯގަނޑާ ދިމާއަށް ބަލާލި ވަގުތު ލޯގަނޑުގެ މެދެއްހާ ހިސާބުން ކޫރުމެއް އެޅިފައި ހުރިތަން ފެނުމުން ހުއްޓުން އެރިއެވެ. ބަނބުކެޔޮ ގަހާ ދިމާއަށް ޒޯއީގެ އަތުގައި ހިފާ މެހެކް ދަމައިގަތީ، ހަރު އަޑުން އެތަނުން ދާން ޖެހިއްޖެއޭ ސަކޭރާ ބުނުމުންނެވެ. ގަދަ ހަދަމުން ޒޯއީ ކުރިއަށް ޖެހެން މަސައްކަތް ކުރީ އޭނާއަށް މަންޝާ ފެންނާތީއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނާގެ މަންމަ ހަމަ ލޮލުން ފެނި ބައްދަލު ނުކޮށް ދާން ޖެހުމުން ޒޯއީގެ ހިތަށް އުނދަގޫވިއެވެ.

ޒޯއީއަށް ވިސްނައިދެވޭތޯ މެހެކް މަސައްކަތް ކުރިއެވެ. ލޯގަނޑު އެކީ ތަޅައިގެން ގޮއްސިއްޔާ އިންސިންނާއި ޖިންނީންގެ ދުނިޔޭގެ ތެރެއިން އެއްކޮޅަކަށްވެސް ނުދެވި އެތަނުގައި އެމީހުން ހައްޔަރު ވާނެ ވާހަކަ ބުނުމުން ޒޯއީގެ ހަރުދަނޑިވެފައިވާ ހަށިގަނޑަށް މަޑުކަމެއް އައެވެ. އެއްފަހަރު ލޯގަނޑާ ދިމާއަށް އަނެއް ފަހަރު މަންޝާއާ ދިމާއަށް އޭނާ ބަލާލީ ހިތާ ދެކޮޅަށެވެ. މަންމައާ ބައްދަލު ނުކޮށް ދާން ޖެހޭތީ އޭނާގެ ލޮލުން ކަރުނަތައް އޮހިގަތެވެ. ގަބުވެފައި ހުރި ޒޯއީގެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. ދާންވީ މިސްރާބެއް ނެތި އެ ހުރިތަނުގައި ހުއްޓިގެން މަންޝާއާ ދިމާއަށް ބަލަން އޭނާއަށް ހުރެވުނީއެވެ. ޒޯއީގެ އަތުގައި ހިފާ މެހެކް ދަމައިގަތެވެ. ދަމާފައި މެހެކް ކުރިއަށް ދިޔައިރު ޒޯއީ މަޑު ހިނގުމެއްގައި މެހެކްގެ ފަހަތުން ދިޔައެވެ. އޭރުވެސް އޭނާގެ ކަޅި އަމާޒުވެފައިވަނީ ހެޔަށް ގޮތްވެ ހަބަރު ހުސްވަމުންދިޔަ މަންޝާއާ ދިމާއަށެވެ. މަންޝާއާ ދުރަށް އެމީހުން މިސްރާބު ޖެހި އިރު ދެމީހުންގެ ކަރުގައިވާ ފަށް ގަދަ ރަތްކުލައިން ދިއްލެމުން ދިޔައެވެ.

*** *** *** *** *** ***

ލޯގަނޑުން އެޅުނު ގަދަ އަލިކަމަށް ބަލަން އުނދަގޫވުމުން މޫނު މައްޗަށް ޒިބާންގެ އަތް ހުރަސްކޮށްލިއެވެ. ސަކޭރާގެ ކިޔެވެލީގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުން ލޯ ހުޅުވާލުމަށްފަހު އެ ގަދަ އަލިކަމުގެ ތެރެއަށް ޒިބާން ބަލާލިއެވެ. ލޯގަނޑުގެ ތެރެއިން ސަކޭރާ ނުކުތް އިރު އޭނާގެ ފަހަތުން މެހެކްއާ ޒޯއީ ނުކުންނަތަން ފެނުމުން ޒިބާނަށް ހިތްހަމަޖެހުމެއް ލިބުނެވެ. ދެކުދިން ކައިރިއަށް ޖެހިލަމުން ގަދަ އަލިކަމަކުން ދިއްލިފައިވާ ލޯގަނޑާ ދިމާއަށް ޒިބާން ބަލާލީ ހައިރާން ވެފައި ހުރެއެވެ.

އަތް އުފުލާލަމުން ލޯގަނޑާ ދިމާއަށް ޒޯއީ އިޝާރާތްކޮށްލީ ބައްޕައަަށް އެއްޗެއް ދައްކާށެވެ. ޒޯއީއާ ދިމާއަށް ބަލަން ހުރި ޒިބާނަށް އޭނާގެ ކަރުގައި އަޅާފައިވާ ފަށް ދިއްލިފައި ވާތަން ފެނުނެވެ. ކުރިއަށް ޖެހިލަމުން ލޯގަނޑުގައި ޒިބާން އަތް ޖައްސާލީ ޒޯއީ އިޝާރާތްކުރި އެއްޗެއް ބެލުމުގެ ބޭނުމުގައެވެ.

ލޯގަނޑުގެ އަނެއްފަރާތުގައި ގަސްތަކެއް ވާ ހުސްބިމެއްގެ މައްޗަށް މަންޝާ ވެއްޓިފައި އޮތްތަން ޒިބާނަށް ފެނުނެވެ. އެއް އަރިއަކަށް ވެއްޓިފައި އޮތް މަންޝާގެ ކަރުގައިވާ ފަށް ދިއްލިފައިވާ ތަން ފެނުމުން ޒިބާނަށް ކުރިއަށް ޖެހެވުނެވެ. ލޯގަނޑުގައި އަތް ޖައްސާލަމުން އެ ލޯގަނޑުން އަނެއްފަރާތަށް ދެވޭތޯ މުޅި ލޯގަނޑުގައި އަތް ކާއްތާ ލެވުނީ މޮޔަޔަކު ފަދައިންނެވެ.

ޒިބާންގެ ހަރަކާތަށް ބަލަން އެންމެން ހުއްޓުން އަރާފައި ތިބި އިރު އެއިން އެއްވެސް މީހަކަށް ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅާކަށް ނުކެރުނެވެ. ކުޑްިރުކޮޅެއް ކުރިން ލޯގަނޑު ތެރެއަށް އަތްތިލަ ވަދެގެން ދިޔަގޮތަށް ވަދެގެން ދޭތޯ ޒިބާން އެތައް މަސައްކަތެއް ކުރިއެވެ. އޭރު މަޑު ދުލިފަށެއްހެން ހުރި ފަށަލަ ހަރުވެ ބިއްލޫރިގަނޑަކަށް ބަދަލުވެފައި ވުމުން ޒިބާނަށް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ދެއަތުން ލޯގަނޑުގައި ހިފާ އޭގައި މޫނު ޖައްސާލި އިރު އޭގެ ތެރެއިން ފެންނަ އޮތް މަންޝާގެ ކަރުގައި އަޅާފައިވާ ފަށުގެ ވިދުން ގަދަވަމުން ދިޔައެވެ. ޒިބާންގެ އަތް މަންޝާގެ ހަށިގަނޑު އޮތް ދިމާލުގައި ލޯގަނޑުމަތިން ހަރަކާތްކޮށްލިއެވެ.

ޒޯއީގެ ކަރުގައި އަޅާފައިވާ ފަށުގެ ވިދުންވެސް ދިޔައީ ގަދަވަމުންނެވެ. އެ އަލިކަން ގަދަވަމުން އައިސް އަލި ކެޑިގެން ދިޔައީ އެއްޗެއް ތަޅައިގެން ދިއުމުން ގޮވާ ޒާތު އަޑަކާ އެކީގައެވެ. މެހެކްއާ ޒޯއީއަށް ކަންފަތްމަތީ އަތްއަޅާ ނިވާކޮށްލެވުނެވެ. ލޯގަނޑުގެ މެދުގައި ވާ ކޫރުން ހުރި ދިމާލުން ވަނީ ބޮޑު ރެނދެއް ލާފައެވެ. މަންޝާއާ ދިމާއަށް ކަޅިޖަހާނުލާ ބަލަން ހުރި ޒިބާން މަންޝާގެ ނަމުން ގޮވާ ހަޅޭއްލަވަމުން ދިޔައެވެ.

ލޯގަނޑުން ފެންނަމުން ދިޔަ މަންޒަރު ގެއްލި އެ ލޯގަނޑުން ޒިބާންގެ ސޫރަ ފެނުމުން ދެ ކަކޫ މައްޗަށް ޒިބާން ތިރިވިއެވެ. މަންޝާ ދުނިޔޭގައި ނެތްކަމަށް ނިންމާ އޭނާ ހޯދަން ކުރި މަސައްކަތް ހުއްޓާލެވުނީތީ އޭނައަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ޒިބާންގެ ދެލޯ ރަތްކުލައިން ދިއްލިގެން ދިޔަ ވަގުތު އެ ލޯގަނޑު އެކީ ކުދިކުދިވެ، އެތަނަށް ފޭބިއެވެ. ޒިބާންގެ ހަށިގަނޑުގައި ނަފްރަތުގެ ހުޅުގަނޑެއް ދައުރުވަމުން ދިޔަކަން ސައިބްރޯތަށް ނަގައިގަނެވުނެވެ. ކުދިން ގޮވައިގެން އެތެރެއަށް ދާށޭ ސައިބްރޯތު ބުނުމުން ސަކޭރާ އާ ތަޒްކިޔާ ކުރިއަށް ޖެހި އެ ދެކުދިންގެ އަތުގައި ހިފާލިއެވެ.

"އަހަރެން ދުނިޔެއަށް ދިއުން ހުއްޓާލީ ކީއްވެ... ކީއްކުރަން... މަންޝާ ކައިރިއަށް ދާން ބޭނުން.. ހަމަ މިހާރު.. ބޮޑު ދައިތާ އެއީ ކޮން ތަނެއްތަ... އެތަނަށް އަހަރެން ދާން ބޭނުން..." މޮޔައެއްހެން ޒިބާން ވާހަކަދައްކަމުން ދިޔައިރު ބައެއް ފަހަރު އޭނާގެ ލޮލުން އަލިފާންކަނި ބުރާހެންވެސް ހީވެއެވެ. އަނެއްބައިފަހަރު އެލޮލުން ކަރުނައިގެ ވިދުން ފާޅުވެއެވެ. މިއީ ދުވަހަކުވެސް ޒިބާންގެ ފަރާތުން ފެނިފައިވާ މަންޒަރެއް ނޫނެވެ.

ޒިބާން ހުއްޓުވަން ސައިބްރޯތު މަސައްކަތް ކުރި ނަމަވެސް އޭނާގެ އަތް ފޮޅުވާލާފައި ޒިބާން މަސައްކަތް ކުރީ އެގެއިން ނުކުމެގެން ދާށެވެ. މުޅި ދުނިޔެ ބަލާ ހޯދަން އޭނާ ބޭނުމެވެ. މަންޝާ ހުރިތަނަކުން ހޯދުމަކީ އޭނާގެ އަޒުމަކަށް ވިއެވެ. ގޭތެރެއިން އެއްވެސް މީހަކަށް ޒިބާން ހުއްޓުވާކަށް ނުކެރުނެވެ.

"ސަކޭރާ.. ޒިބާންއަށް ވިސްނައިދީބަލަ... އެެހން ގޮސްގެން ގެއްލުމެއް ވެއްޖިއްޔާޔޯ... މިތިބި ކުދިންނަށްޓަކައިވެސް މަޑުކުރާށެ ބުނެބަލަ.." ސައިބްރޯތު ދައްކާ ވާހަކަތައް އަޑު ނާހާނެކަން އެނގުމުން ސަކޭރާ ގާތު އޭނާ އާދޭސް ކުރިއެވެ. ސަކޭރާއަށް ޒިބާން ހުއްޓުވާކަށް ނުކެރުނެވެ. ކުރިއަށް އެޅި ފިޔަވަޅު ހުއްޓުމަކަށް އައިސް މީހާ ހުރިތަނަށް ގަނޑުވިއެވެ.

ޒިބާންގެ ހަށިގަނޑުގައިވާ ހުދު ފޭރާމް ކަޅުކުލައަކަށް ބަދަލުވާން ފެށުމުން އެންމެންނަށް އެ ދިމާއަށް ބަލަން ހުރެވުނީ އަޖައިބުވެފައެވެ. ކުރިން އުޅުނު ގޮތަށް އާއިލާ ދޫކޮށްލާފައި އޭނާ ގޮސް ދާނެތީ ސަކޭރާ ކަންބޮޑުވިއެވެ. އޭނާގެ ހަނދާނަށް އައީ ތުއްތު ޒޭބާ ސައިބްރޯތު ނުބަލާނަންކަމަށް ބުނެ އާއިލާއިން އެކަހެރި ކޮށްލުމުން އެއް ކުއްޖާ ގޮވައިގެން ގެއިން ނުކުތް ޒިބާންގެ ހަށިގަނޑަށް އެދުވަހު އައި ބަދަލުތަކެވެ. އޭނާ ލައިގެން ހުރި ހުދު ފޭރާމް ރަތާ ކަޅު ކުލައަށް ބަދަލުވި ގޮތެވެ.

"ބައްޕާ..."

ގުންފައި ޖަހަމުން ދިޔަ ޒިބާންގެ ފިޔަވަޅު ހުއްޓުނީ ޒޯއީގެ ބަލިކަށި އަޑު ކަންފަތުގައި ޖެހުމުންނެވެ. ޒިބާން ފަސް އެނބުރި ޒޯއީއާ ދިމާއަށް ބަލާލިއެވެ. އޭނާގެ ހަށިގަނޑުގައި ނޫކުލައިގެ ނާރުތައް ފުއްޕާފައިވާ އިރު އެ ދެލޮލުގައި މަޑު ނޫކުލައިގެ ވިދުމެއް ހުއްޓެވެ. ޒޯއީއާ ދިމާއަށް ދާން އެނާގެ މިސްރާބު ބަދަލުކޮށްލީ އެ މޫނު ފެނުމުން ބުނެދޭން ނޭނގޭ ކަހަލަ އިހްސާސެއް ކުރުމުންނެވެ. ވެއްޓެމުން ދިޔަ ޒޯއީގެ ހަށިގަނޑުގައި ޒިބާންގެ ދެއަތުން ހިފަހައްޓާލި އިރު އޭނާގެ ލޮލުގައިވާ ރަތްކަން ފަނޑުވެއްޖެއެވެ.

މެއާ ލާ ޒޯއީގެ ހަށިގަނޑު ފޮރުވާލަމުން ޒިބާން އިސްއުފުލާލީ ދެލޯ ފިއްތާ ބާރުކޮށްލަމުންނެވެ. ހިތް ފަޅައިގެން ދާ ހާ ވޭންތަކެއް އޭނާއަށް ތަހައްމަލް ކުރަން ޖެހިފައިވާ ކަހަލައެވެ. މަންޝާ ނޫނީ ލޯބިވާ ދަރިފުޅުގެ ތެރެއިން މީހަކު ހިޔާރުކުރަން ޖެހުމުން އޭނާއަށް ރޮވުނެވެ. އަނގަ ހުޅުވާލަމުން ޒިބާން ރޮއެގަތީ ލޯބިވެރިޔާގެ ހަނދާންތައް އެހިތުގައި އާވީމައެވެ.

"މަންޝާ..."

*** *** *** *** *** ***

ހާސްވެފައި އިން އަޒީމްގެ މޫނަށް ރިޔާޒް ބަލާލަމުން ކާރުގެ ކުރީ ސީޓަށް އަރާ އޭނާ ހަމަޖެހިލިއެވެ. ފަހަތު ސީޓަށް އަރަމުން ކާރުގައި އިން މަންޝާގެ މޫނަށް އަޒީމް ބަލާލީ ފުން ނަޒަރަކުންނެވެ. ކުޑަ ދޮރުން ބޭރަށް ބަލަން އިން މަންޝާގެ ސިކުނޑި ވަށާލާފައިވަނީ އޭނާގެ ކުޑައިރުގެ ހަނދާންތަކެވެ. ބައްޕައަކާ ނުލާ ބުރަ މަސައްކަތުން އޭނާ ތަރުބިއްޔަތު ކުރި ލޯބިވާ މަންމައާ މާމަގެ ހަނދާންތަކުން އެހިތަށް އުނދަގޫ ކުރަމުން ދިޔައެވެ.

ރިޔާޒްގެ އެދުމަށް ކާރު ދުއްވަން އިން ޑްރައިވަރު އަމާޒު ބެހެއްޓީ އައްޑޫ ރީޖަނަލް އެއަރޕޯޓާ ދިމާއަށެވެ. ތާރު އަޅާފައިވާ މަގުތަކުން ހަލުވި ސްޕީޑެއްގައި ކާރު ދުއްވަމުން ދިޔައިރު އަޒީމްގެ ނަޒަރު ހުސްވެފައިވަނީ މަންޝާއާ ދިމާއަށެވެ. ވިހި އަހަރު ވަންދެން މަދީހާމެންނާ ދުރުގައި މަންޝާ ގެންގުޅުނީ އަމިއްލަ އެދުމެއް އޮވެގެންނެވެ. މަންޝާ ހޯދަން ޒިބާން އައިސްދާނެތީ އެކަމާ އޭނާ ޖެހިލުންވަނީއެވެ. ނަމަވެސް ފުރަތަމަ ފަހަރަށް މަންޝާއަށްޓަކައި ރަނގަޅު ފިޔަވަޅެއް އެޅުނީތީ އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

އަޒީމްގެ އަތް ސީޓުމަތިން ހަރަކާތްކޮށްލިއެވެ. މަންޝާގެ އަތުގައި އޭނާ ހިފާލުމާއެކީ ސިހިފައި މަންޝާ ބަލާލީ ހައިރާންވެފައި އިނދެއެވެ. އަޒީމްގެ ބެލުމުން މަންޝާގެ ހަށިގަނޑަށް އުނދަގޫތަކެއް ކުރުވިއެވެ. އެބެލުމުން އިންތިހާ ދަރަޖައިގެ ލޯތްބާއި ކުލުނު ފެނި މަންޝާ އިސްޖަހާލީ އޭނާއަށް ވަމުންދިޔަ ގޮތްތަށް ހާމަކުރަން ބޭނުން ނުވީމައެވެ. އިނިގިލިތަކަށް ބާރުލަމުން މަންޝާގެ އަތަށް އަޒީމް ފިތާލިއިރުވެސް އެއްވެސް ހަރަކާތެއް ނުގެނެސް އިނީ އެހިތުގައި ހިނގަމުން ދިޔަ ޝުއޫރުތައް ފާޅުކުރަން ބޭނުން ނުވީމައެވެ.

"ރަށަށް ދެވުނީމަ މަށަށް ގުޅާތި... އަހަރެމެންނަށް ތިކޮޅަށް ދެވޭނީ ދެދުވަހެއް ފަހުން... ޓިކެޓް ހަމަޖެހުނީމަ މަ ގުޅާނަން..." ލޯތްބާއެކީ އަޒީމް ވާހަކަ ދެއްކި ނަމަވެސް އެހިތުގައި ހާސްކަމެއް ފޮރުވިފައިވެއެވެ. ކަރު ކެހިލަމުން މަންޝާ ބޯޖަހާލީ އާނއެކޭ ބުނާ ފަދަ ގޮތަކަށެވެ.

*** *** *** *** *** ***

ގޮނޑީގައި އިށީނދެގެން ތިބި އަފްނާނާ މަޖުދީގެ ކަޅި އަމާޒުވެފައިވަނީ އެމީހުން ކުރިމަތީ ހުއްޓިގެން ހުރި ރާއިދުގެ ހަރަކާތަށެވެ. ދޭތެރެއަކުން ފޯނުގެ ސްކްރީނަށް ބަލާލައެވެ. ކޮންމެވެސް މީހަކަށް މެސެޖެއް ކޮށްލަކޮށްލަ ހުރި އިރު އޭނާގެ ހިތް އަވަސްވެފައިވާ ކަން އެ ދެމަފިރިންނަށް ނަގައިގަނެވުނެވެ.

"ދަރިފުޅާ.. މިތާ އިށީނދެބަލަ.." ރާއިދު އުޅޭ ގޮތުން މަޖުދީގެ ސިކުނޑިއަށް އުނދަގޫވުމުން ވާހަކަ ދެއްކީ ހިތްހަމަނުޖެހުމުގެ ރާގެއްގައި އަޑަށް ބާރުލަމުންނެވެ.

ފުން ނޭވާއެއް ދޫކޮށްލަމުން ރާއިދު ބަލާލީ އެއަރޕޯޓުގައި ހަރުކޮށްފައިވާ ސްކްރީނާ ދިމާއަށެވެ. "ދެން ޗެކިންވާންވީނު.. ކީއްވެތަ މިހާ ލަސްވަންދެން ތި މަޑުކުރަނީ.. އަވަހަށް ޗެކްއިންވީމަ ފަސޭހަ ވާނީ..." އެއްފަރާތެއްގައި ހުރި ލަގެޖްގައި ހިފަމުން ރާއިދު ވާހަކަ ދެއްކީ ޗެކިން ކައުންޓަރާ ދިމާއަށް ދާން އަވަސްވެގަންނަމުންނެވެ. މަޖުދީ ބުނެފައިވާ ވާހަކަތައް ރާއިދުގެ ހަނދާނުގައި ނެތްކަން އެނގުމުން މަޖުދީގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ފެނުނެވެ.

ރާއިދު ކުރި ސުވާލަށް މަޖުދީގެ ފަރާތުން ޖަވާބެއް ނުލިބުނުތާނގައި އިންތަނުން ތެދުވާކަށްވެސް އޭނާ މަސައްކަތެއް ނުކުރިއެވެ. ގޮނޑިން ތެދުވަން އުޅުނު އަފްނާނުގެ ހަރަކާތް ހުއްޓުނީ ޖެހިގެން ހުރި ގޮނޑީގައި މަޑުޖެހިގެން އިން މަޖުދީގެ މޫނު ފެނުމުންނެވެ. މަޖުދީގެ އަތުގައި އަފްނާނު ހިފާލުމާއެކީ އޭނާ ސިހިފައި އަފްނާނާ ދިމާއަށް ބަލާލިއެވެ. އަފްނާނުގެ ބޮޑު ދެލޮލުން މަޖުދީއާ ދިމާއަށް ބަލަން އިންގޮތުން އޭނާ ކުރަން އުޅޭ ސުވާލު ދެނެގަންނަ އެނގުނެވެ. "މީހަކު އަންނަން ދެން މި މަޑުކުރަނީ.. ރާއިދު މަޑުކޮށްބަލަ.. އަދި ކުޑަ އިރުކޮޅެއް ފަހުން އެތެރެއަށް ދާނީ... އާދެބަލަ.. ނިކަން މިތާ އިށީނދެބަލަ.."

ލަގެޖް ހިފައިގެން ހިނގައިގަތް ރާއިދަށް ގޮވާލުމުން އޭނާ ފަސްއެނބުރި އެ ތަނަށް އައީ ވަރުބަލިވެފައިވާ މިހާކު ފަދައިން ދެފައި ކާއްތަމުންނެވެ. މަޖުދީގެ މަގަތުގައި ރާއިދު އިށީނީ ފުން ނޭވާއެއް ދޫކޮށްލަމުންނެވެ. ކަކޫ މައްޗަށް ދެއަތް ވައްޓާލައިގެން އިން ރާއިދުގެ ބުރަކަށީގައި ފިރުމާ، ނަސޭހަތްދެމުން މަޖުދީ ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ.

ބައްޕަމެން ނެތަސް ރޭގަނޑު ލަސްވަންދެން ބޭރުގައި ނޫޅެ ގެއަށް ވަނުމަށާއި ގަޑިން ގަޑިއަށް ނަމާދުކުރަން ހަނދާންކޮށްދިނެވެ. އަފްނާނުމެންގެ ރަށަށް ދެވުމުން އެކޮޅުގެ ކަންތައްތައް ހަމައަަކަށް އަޅުވާފަ ރާއިދުވެސް އެކޮޅަށް ގެންނާނަންކަމަށް މަޖުދީ ބުނުމުން ރާއިދު ބޯ ޖަހާލަމުން ބައްޕަގެ މޫނަށް ބަލާލަން މޫނު އަނބުރާލިއެވެ. އެއަރޕޯޓްގެ ދޮރުން އެތެރެއަށް ވަތް މީހުން ފެނުމުން ރާއިދަށް ހައިރާންކަމެއް ލިބުނެވެ. މަޖުދީއާ ޖެހިގެންއިން އަފްނާނަށް އެ މަންޒަރު ފެނުމުން އޭނާއަށް ގޮނޑިން ތެދުވެވުނީ އަމިއްލަ އިޚްތިޔާރަކު ނޫނެވެ.

މަންޝާއާ އެކު އަޒީމާ ރިޔާޒް އެއަރޕޯޓް ތެރެއަށް ކަޅި ހިންގާލިއެވެ. އަފްނާނުގެ އަވަސްވެފައި ހިތަށް އުނދަގޫތަކެއް ވަމުންދިޔަ އިރު އެމީހުން އެ އައި ސަބަބެއް އޮޅުން ނުފިލާތީ އެތައް ސުވާލުތަކެއް ސިކުނޑީގައި ވަށާލައިފިއެވެ. މަންޝާ އެ އަންނަނީ އަފްނާނު ހުއްޓުވަން ބާވައޭ އޭނާގެ ހިތަށް އެރިއެވެ. ހަގީގަތް އަބަދު ފޮރުވައިގެން ނޫޅެވޭނެކަން އޭނާ ގަބޫލު ކުރެއެވެ.

މަންޝާމެން އެމީހުންނާ ދިމާއަށް އަންނަތަން ފެނުމުން ބައްޕަމެން މަޑުކޮށްގެން އެތިބީ ކީއްވެކަން ރާއިދަށް ނަގައިގަނެވުނެވެ. މަޖުދީއަށް އެމީހުން އަންނަ ތަން ދައްކާލަން އެ ދިމާއަށް ލޮލުން އިޝާރާތްކޮށްލުމުން މަޖުދީ އެފަޅިއަށް އެނބުރި ވަށައިގެން ހޯދާލިއެވެ. އަފްނާން ކޮޅަށް ތެދުވެ ހުރިތަން ފެނުމުން އަދި އަފްނާނު ގާތު އެވާހަކަ ނުބުނެވޭ މަތިން ހަނދާންވުމުން މަޖުދީ ތެދުވެ އަފްނާނާ ގާތްވެލިއެވެ. ފެންކަޅިވެފައިވާ އަފްނާނުގެ ދެލޯ ފެނުމުން މަޖުދީގެ ހިތަށް އަސަރުތަކެއް ކޮށްފިއެވެ. ރިޔާޒްގެ އެދުމަށް އޭނާއަށް އެއްބަސްވެވުނު ކަންތަކާމެދު ސުވާލު އުފައްދަން އޭނާއަށް މަޖުބޫރުވީ އަފްނާނުގެ މާޒީއާ އޭނާގެ އަސްލު އެމީހުންނަށް ސިއްރުވެފައި ވާތީއެވެ.

އަފްނާނުގެ އަތުގެ އިނގިލިތަކުގެ ތެރެއަށް މަޖުދީގެ އަތް މަހާލަމުން އެ އަތުގައި ހިފަހައްޓާ ފިތާލިއެވެ. ސިހިފައި މަޖުދީއާ ދިމާއަށް އަފްނާނު ބަލާލިއެވެ. މަންޝާ އެތަނަށް އައި ސަބަބު އޮޅުން ފިލުވަން ބޭނުންވެފައި ހުރުމުން އަފްނާނު ވާހަކަ ދައްކަން އަނގަ ހުޅުވާލިއެވެ.

"މަންޝާ އަހަރެމެންނާ އެކީ ރަށަށް ދާން އެ އުޅެނީ.. އެއީ އަފްނާންވެސް ބޭނުންވި ގޮތެއްނު.. މާމަވެސް ކިހާ އުފާވާނެ.." އެއްޗެކޭ ނުބުނެވެނީސް އަފްނާނަށް ނޭނގިފައިވާ ކަންތައްތައް ކުރުގޮތަކަށް މަޖުދީ ހާމަކޮށްދިނެވެ. އެކަމުން އަފްނާނުގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

ލަގެޖާ އެކީ މަންޝާ އައިސް މަޖުދީ ކުރިމައްޗަށް ހުއްޓެމުން ހިނިތުންވާން މަސައްކަތް ކުރިއެވެ. މަޖުދީ ކައިރީގައި އެހުރީ ރިޔާޒްމެން ބުނި ފަދައިން އޭނާގެ އަންހެނުންކަން މަންޝާއަށް އެނގުމުން އެމޫނަށް ބަލާލަމުން ހިނިތުންވެލިއެވެ. އަފްނާނު ހިނިތުންވެލުމުން އޭނާގެ ދެލޯ ހަނިވެގެން ދިޔަތަން ފެނުމުން މަންޝާއަށް ހަމަޖެހުމެއް ލިބުނެވެ. އެ ދެމަފިރިންގެ ފަހަތުގައި ހުރި ރާއިދު ކުރިއަށް ޖެހިލަމުން އަވަހަށް ޗެކިން ވާން އެދުނީ ވަގުތު ކުޑަތަން ވަނީއޭ ބުނަމުންނެވެ. އެހިސާބުން އެންމެން އެކީ ކައުންޓަރާ ދިމާއަށް ދާން އަވަސް ވެގަތެވެ.

*** *** *** *** *** ***

އަޒީމް ގޭގައި ނެތްކަން އެއީ ނަސީބޭ ނައުރީންގެ ހިތަށް އެރިއެވެ. ގެއިން ބޭރަށް ނުކުމެ މަގުގެ ދެކޮޅު ބަލާލުމަށްފަހު އަތިރިމަގާ ދިމާއަށް އޭނާގެ ފިޔަވަޅު އަވަސްކޮށްލީ ގަޑިން އެގާރަ ޖެހުމުންނެވެ. މީހަކު ފެންނަން ނެތް މަގުތަކުން ހިނގަމުން ދިޔަ ނައުރީންގެ ހިތުގައި ބިރުވެރިކަމެއްގެ ކަންފުޅެއްވެސް ނެތް ކަހަލައެވެ. ނަމަވެސް އޭނާގެ ހިތަށާއި ސިކުނޑިއަށް އުނދަގޫތަކެއް ވަމުން ދިޔައެވެ.

ވިހި އަހަރު ފަހުން އަޒީމްގެ ފަރާތުން އޭނާއަށް ލޯތްބާއި އޯގާތެރިކަމުގެ މިންވަރެއް ނުލިބޭތާ ދުވަސްކޮޅެއް ވީއެވެ. ހަދަން އުޅުނު ފަންޑިތައެއް ނާކާމިޔާބުވުމުގެ ސަބަބުން ޖެހިފައިވާ މުސީބާތްތަކުން ސަލާމަތްނުވާތީ އަޒީމްގެ ހިތްރުއްސަން އޭނާއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. ދުވަސްތައް ދިގުލަމުން ދާވަރަކަށް އަޒީމްގެ ހިތުގައި މަންޝާއަށް އޮތް ލޯބި އާލާވެ ދިރެމުންދާކަން ނައުރީނަށް އިނގެއެވެ. މިހެން ދުވަސްތައް ދިގުލައިގެން ދާންވެއްޖިއްޔާ މުޅި އުމުރަށް އޭނާގެ އަތުން އަޒީމް ގެއްލިދާނެކަމުގެ ބިރު އަށަގަންނަން ފަށައިފިއެވެ. މަންޝާގެ ކަންކަން ގާތުން ބަލައި އެކަންކަމަށް އަޒީމް ފަރުވާ ބަހައްޓާ މިންވަރު އެނގި ނައުރީންގެ ހިތުގައި މަންޝާއާ ދޭތެރޭ ހަސަދައިގެ އޮއެވަރެއް އެނބުރިގަތެވެ. ޟިރާރުގެ އެހީގައި އެ ޖިންނީގެ ކިބައިން ސަލާމަތުގެ ކޮޅެއް ހޯދިއްޖެ ނަމަ ދެން އަޒީމް އޭނާގެ މުށުތެރެއަށް ލާން ކުރެވެން ހުރި މަސައްކަތެއް ކުރަން އޭނާ އަޒުމް ކަނޑައެޅިއެވެ.

މަޑު ދޮންވެލިގަނޑު މަތިން ހިނގަމުން އައިސް ނައުރީންގެ ފިޔަވަޅު މަޑުކޮށްލީ ފަނުން ހަދާފައިވާ ޖިފުޓިގެއާ ހަމައަށް އާދެވުމުންނެވެ. އަތިރި މަގުން މީހެއްގެ ހިލަމެއް ވޭތޯ ވަށައިގެން ބަލާ ކަޅި ހިންގާލުމަށްފަހު އެ ގެއާ ދިމާއަށް ނައުރީންގެ ފިޔަވަޅު އަވަސްކޮށްލީ އޭނާގެ ސިކުނޑީގައި މޮޅު ކަމެއް ރާވާލަމުންނެވެ.

(ނުނިމޭ)