މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ ބޮޑު މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ނަރުދަމާއާއި ފެންލައިން ގުޅައިދިނުމުގެ މަސައްކަތްތައް ނިންމާލާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން އެމްޓީސީސީން ބުނީ މަގު ހެދުމުގެ ސަރަހައްދުގައި ހިމެނޭ މައި ފެން ހޮޅި އެޅުމުގެ މަސައްކަތުގެ 90 އިންސައްތަ ވެސް މިހާރު ނިމިފައިވާކަމަށެވެ.

އަދި ވިއްސާރަ ދުވަސްތަކުގައި ފެންބޮޑުވުން ކުޑަކުރުމަށް ހަދާ ސްޓޯމްވޯޓާ ކެޗްޕިޓްތަކާއި، ކޭބަލް ޖަންކްޝަންތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާލުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މަގުގެ ދެފަރާތުގައި ދުވާރު ހެދުމާއި މަގުބައްތި ހަރުކުރުމުގެ އިތުރުން ކޭބަލް ޓްރެންޗް ކަނޑައި ހެދުމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއ،ި ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރާނެއެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން މި މަޝްރޫއު ކުރިއަށް ގެންދާއިރު، އެމްޓީސީސީގެ އަމާޒަކީ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އަންނަ ޖުލައިގެ ނިޔަލަށް މަސައްކަތް ނިންމުމެވެ. ބޮޑުތަކުރުފާނު މަގުގެ މަސައްކަތުގެ ތެރެއިން މިހާތަނަށްވަނީ، އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްގީ ކޮށްފައެވެ. އެއީ ޖުމުލަ 380 މީޓަރުގެ ސަރަހައްދެވެ.