މިދިޔަ އަހަރުގެ 3 އޮކްޓޯބަރު ދުވަހުގެ ރޭ، އިދިކޮޅު އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހުންނަށް ހުރަސްއެޅި ކަމަށް ބުނާ 8 މީހުންގެ މައްޗަށް ދައުވާ އުފުލާފާއިވަނީ އެކަށީގެންވާ ހެކި ނުހޯދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އޭގެ ތެރެއިން ބައެއް މީހުންގެ ޝަރީއަތް ނިންމުމަށްފަހު ކްރިމިނަލް ކޯޓުގެ ބޭރުގައި ހުންނަވައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީ މެންބަރުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި ޖިނާއި އަދުލުގެ ނިޒާމުގައި ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާ ކަމަށެވެ.

އަދި މިއީ ސިޔާސީ ކުަލަވަރު ޖެހިފައިވާ ދައުވާތަކެއްކަން ފާހަގަ ކުރައްވާ ނަޝީދު ވަނީ އެފަދަ ކަންކަން ހިނގަމުންދިއުމަކީ ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއްކަމަށް ސިފަ ކުރައްވާފައެވެ. "އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި ޕީޖީ މިދައުވާ އުފުލާފައި މިވަނީ އެކަށީގެންވާ ހެކި ނުހޯއްދަވާ. ހަގީގަތުގައި ހެއްކެއް ނުވެސް ނެތް. މިއީ ވަރަށް ބޮޑު ބޭއިންސާފެއް. މި ބާވަތުގެ ކަންކަން ހިނގަމުންދާ ކަމީ ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް" ނަޝީދު ވިދާޅުވިއެވެ.

ހަމަ އެހެންމެ މިފަދަ މައްސަލަތައް ބައިނަލްއަގުވާމީ ކޯޓުތަކަށް ގެންދާނެ ކަމަށްވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ފުލުހުން ދިން އިރުޝާދާ ހިލާފަށް މަޖީދީމަގުން އިދިކޮޅު އެމްޑީޕީގެ މުޒާހަރާ ކުރިއަށް ގެންދަން އުޅުމުން، މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހުންނަށް ހުރަސްއެޅި ކަމަށް ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި، ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާގެ މައްޗަށެވެ. އަދި އޭގެ އިތުރުން ދައުވާ އުފުލާފައިވާ ފަރާތްތަކަކީ:

  1. އަބްދުއްސަލާމް
  2. މުހައްމަދު ހަމާއިދު އަބްދުލްގަނީ
  3. އަލީ ނައުފަލް އާއިޝަތު ނަޖުދާ އަލީ
  4. އަލީ މުއައްވަޒު
  5. ހުސައިން ރަޝީދު

މި މީހުންގެ ތެރެއިން ނައުފަލް، މުއައްވަޒުގެ އިތުރުން ހުސައިން ވަނީ ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިފަ އެވެ. ނަމަވެސް ނަސޭހަތުގެ އެއްބަސްވުން ހެދުމާ ގުޅޭ ގޮތުން އެ އޮފީހުން ވަކި ގޮތެއް ނިންމާފައި ނުވެއެވެ. ދެން ތިބި ހަތަރު މީހުން ވެސް އެދުނީ ވަކީލަކު އައްޔަންކުރުމަށް 30 ދުވަހުގެ ފުރުސަތު ދިނުމަށެވެ.

ނަމަވެސް ބަންދުގައި ނެތް މީހުންނަށް ވަކީލަކު އައްޔަންކުރަން ފުރަތަމަ ދޭން އޮންނަނީ 10 ދުވަސް ކަމަށް ވާތީ ގާޒީ ދެއްވީ 10 ދުވަހެވެ.