ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބު އަންނަ ޖުލައި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށާއި، އެ ޕާޓީގެ "މަތީ މަޖިލިސް" ސެޕްޓެމްބަރު މަހު ބޭއްވުމަށް ނިންމައިފިއެވެ.

މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެހެން ބައެއް ޕާޓީތަކުން "ކޮންގްރެސް" ގެ ނަމުގައި ބާއްވާ ޖަލްސާ ޕީއެންސީން ބާއްވާނީ "މަތީ މަޖިލިސް" ގެ ނަމުގައި ކަމަށެވެ. މި މަޖިލިސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށެވެ.

މި މަތީ މަޖިލީހުގެ ކުރިން ބާއްވާ އެތެރޭގެ އިންތިހާބުގައި ޕީއެންސީގެ ދާއިރާތަކުގެ ރައީސުންނާއި، ނައިބު ރައީސުންނާއި، އަންހެނުންގެ ހަރަކާތުގެ ރައީސުންގެ އިތުރުން ޒުވާނުންގެ ހަރަކާތުގެ ރައީސުން ހޮވާނެއެވެ. އަދި ޕާޓީގެ ސްޓިއަރިން ކޮމިޓީތަކަށް މެންބަރުން އިންތިހާބު ކުރުން ވެސް މި އިންތިހާބުގެ ތެރެއިން ކުރިއަށްދާނެއެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ އެކަމަށްޓަކައި ޕީއެންސީން އަލަށް ތައާރަފުކުރާ ހާއްސަ ޕޯޓަލް މެދުވެރިކޮށެވެ. މި އިންތިހާބުގައި ކުރިމަތިލެވޭނީ ޖޫން 15 ގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށެވެ. އަދި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ މިއަދުގެ ނިޔަލަށް ޕީއެންސީގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށެވެ.

އިންތިހާބުގެ ތާވަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، އަންނަ މަހުގެ 1 ވަނަ ދުވަހު ވަގުތީ ވޯޓާސް ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ. އަދި ޖުލައި 4 ގައި ދާއިމީ ލިސްޓު އާންމުކުރުމަށްފަހު، ޖުލައި 11 ގައި ވޯޓުލުން ކުރިއަށްދާނެއެވެ.

ދާއިރާ ރައީސުން ހޮވުމުގައި އަމަލުކުރާ އުސޫލަށް އަލިއަޅުވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ، އާންމު އުސޫލެއްގެ ގޮތުން ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބަވާ ދާއިރާތަކުގެ ރައީސުންނަކީ އެ މެންބަރުން ކަމަށެވެ. އެހެންކަމުން އިންތިހާބު ބާއްވާނީ މަޖިލިސް މެންބަރުން ނެތް ދާއިރާތަކުގައެވެ.

ނަމަވެސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްގެ އަމަލުތައް ހުރި ގޮތުން އޭނާ މިހާރު ވަނީ އެ ދާއިރާގެ ރައީސް ކަމުން ވަކިކޮށްފައި ކަމަށް އަބްދުއްރަހީމް ހާމަކުރެއްވިއެވެ. ނާޒިމް ޕާޓީގެ މެންބަރުކަމުން ވަކިނުކުރި ނަމަވެސް، މަގާމުން ވަކިކުރީ އޭނާގެ އަމަލުތަކެއްގެ ސަބަބުން ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ ކޮން ކަހަލަ އަމަލުތަކެއް ކަމުގެ ތަފްސީލެއް އަބްދުއްރަހީމް ނޫސްވެރިންނަށް ހާމައެއް ނުކުރައްވައެވެ. މިއާއެކު ދިއްގަރު ދާއިރާއަށް ވެސް އާ ރައީސަކު ހޮވުމަށް މި އިންތިހާބުގައި ވަނީ ހަމަޖެހިފައެވެ.