ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރެއްވި އިހްލާސްތެރި މަސައްކަތްޕުޅުތަކުގެ ފޮނި ނަތީޖާއެއްކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އުރީދޫ މޯލްޑިވްސް އިން ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މި ހިދުމަތާއެކު ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު އާ ހިސާބަކަށް ގޮސް، ދުނިޔޭގެ މާލީ މުއާމަލާތްތަކުގައި ދިވެހިންނަށް ހުރި ހުރަސްތައް ނައްތާލެވިގެންދާނެ ކަމަށެވެ. މިއީ ރައީސް މުއިއްޒު ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު، ޒުވާނުންނާއި އަންހެނުންނަށް މާލީ މިނިވަންކަން ހޯދައިދެއްވުމަށް ކުރެއްވި ގިނަގުނަ މަސައްކަތްތަކުގެ ތެރެއިން ހާސިލްކުރެވުނު މުހިންމު ކާމިޔާބީއެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މާކެޓް ކުޑަވުމަކީ ނުވަތަ ޖަޒީރާ ގައުމަކަށް ވުމަކީ ފަހަތަށް ޖެހެންޖެހޭ ސަބަބެއް ނޫންކަން މި ކާމިޔާބީން ހާމަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހަރުދަނާ ތަސައްވުރަކާއެކު މަސައްކަތްކޮށްފިނަމަ ބޮޑެތި ނަތީޖާތައް ހާސިލްކުރެވޭނެކަން ވަނީ ފާހަގަކުރައްވާފައެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ޒުވާނުންނާއި އަންހެނުންނަށް ޑިޖިޓަލް ދާއިރާއިން ފުރިހަމަ މިނިވަންކަން ހޯދައިދީ، ދިވެހި އުފެއްދުންތައް ބައިނަލްއަގުވާމީ ބާޒާރަށް ނެރެވޭނެ މަގު ތަނަވަސްކޮށްދިނުންކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.
މި ހިދުމަތް ގެނައުމުގައި ދިމާވި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އެތައް އަހަރެއްގެ މައްސަލަތައް ހައްލުކުރުމަށް ފުރަތަމަ ކުރެވުނު މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ނުލިބުމުން، ސަރުކާރުގެ އިސްތިރާތީޖީ ވިސްނުން ބަދަލުކޮށް، ގާނޫނީ އޮނިގަނޑު ހަރުދަނާކުރަން ޖެހުނު ކަމަށެވެ. ޕޭޕަލް ފަދަ ބައިނަލްއަގުވާމީ ބޮޑު ނެޓްވޯކެއް ރާއްޖެއާ ގުޅާލެވުނީ ބައިނަލްއަގުވާމީ ފެންވަރުގެ އިތުބާރު ގާއިމުކުރުމަށް ކުރެވުނު ނިޒާމީ މަސައްކަތްތަކުގެ ބިންގަލުގެ މަތީގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ބައިނަލްއަގުވާމީ މާލީ ނިޒާމު ދިވެހި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ޕޭޕަލްއިން އުރީދޫ މޯލްޑިވްސްއާއެކު ސްޓްރެޓީޖިކް ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ރާއްޖޭގެ މާލީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
