މި އަހަރުގެ ފީފާ ވޯލްޑް ކަޕާ ދިމާކޮށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ވޯލްޑް ކަޕް މަޖާ 2026" ގެ ނަމުގައި ހާއްސަ ސޯޝަލް މީޑިއާ ޗެލެންޖެއް މިއަދު ފަށައިފިއެވެ.
ބީއެމްއެލް އިން ބުނީ، މި ޗެލެންޖަކީ ވޯލްޑް ކަޕްގެ ފޯރި އިތުރުކުރުމުގެ ގޮތުން، ބީއެމްއެލްގެ ކަސްޓަމަރުންނާއި އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. ޖޫން 12 އިން ޖުލައި 20 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވެގެން ކޮންމެ ހަފުތާއަކު 1,000 ރުފިޔާގެ ފައިސާގެ އިނާމެއް ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. އަދި މުޅި މުބާރާތުގެ ނަސީބުވެރިޔާއަށް 10,000 ރުފިޔާގެ ބޮޑު އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޗެލެންޖުގައި ބައިވެރިވުމަށްޓަކައި ބީއެމްއެލްގެ ރަސްމީ ފޭސްބުކް، އެކްސް އަދި އިންސްޓަގްރާމް ޕޭޖުތަކުގައި ކޮންމެ ހަފުތާއަކު ކުރާ "ވޯލްޑް ކަޕް މަޖާ" ޕޯސްޓްތަކަށް ޖަވާބު ދޭންޖެހެއެވެ. ޖަވާބު ދޭއިރު #WorldCupMajaa2026 ހޭޝްޓެގް ބޭނުންކުރަން ޖެހޭނެއެވެ. ކޮންމެ ހަފުތާއަކުވެސް ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނަގައި، ހަފުތާގެ ނަސީބުވެރިޔާ ހޮވޭނެއެވެ.
10,000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބޭނީ އެންމެ ފަހު ހަފުތާގެ ޗެލެންޖަށް ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުންނެވެ. ބީއެމްއެލްއިން މައުލޫމާތުދޭ ގޮތުގައި، މި ބޮޑު އިނާމުގެ ނަސީބުވެރިޔާ ޖުލައި 27 ގެ ކުރިން ބޭންކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިއުލާނު ކުރެވޭނެއެވެ.
ބީއެމްއެލްއިން ވަނީ ހުރިހާ ފަރާތްތަކުންވެސް މި ފޯރިގަދަ ޗެލެންޖުގައި ބައިވެރިވެ، ވޯލްޑް ކަޕްގެ ފޯރި އިތުރަށް ގަދަކުރުމަށް ދައުވަތު އަރުވާފައެވެ.
