ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ކަސްޓަމަރުން ކުރާ ސަބްސްކްރިޕްޝަން ޕޭމަންޓުތައް ބޭންކުން ހިފަހައްޓާފައި ނުވާނެ ކަމަށް އެ ބޭންކުން މިއަދު ހާމަކޮށްފިއެވެ.

ބީއެމްއެލްއިން މިކަން ހާމަކޮށްފައިވަނީ، ނެޓްފްލިކްސް، ސްޕޮޓިފައި އަދި އައިކްލައުޑް ފަދަ އާންމުކޮށް ބޭނުންކުރާ ހިދުމަތްތަކުގެ ސަބްސްކްރިޕްޝަން ފައިސާ ދެއްކުމުގައި ބައެއް ކަސްޓަމަރުންނަށް ދަތިތަކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާތައް ސޯޝަލް މީޑިއާގައި އިތުރުވުމާ ގުޅިގެންނެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ބީއެމްއެލްއިން ބުނީ، ސަބްސްކްރިޕްޝަން މުއާމަލާތްތަކަކީ ދުވަހުން ދުވަހަށް ކަނޑައަޅާފައިވާ ބޭރު ފައިސާގެ ލިމިޓު ތެރޭގައި ހިމެނޭ ކަންކަމެއް ނޫންކަމަށެވެ.

ބީއެމްއެލް އިން ބުނީ ސަބްސްކްރިޕްޝަން ޕޭމަންޓުތަކަށް ބޭންކުން އެއްވެސް ހުރަހެއް އަޅާފައި ނުވި ނަމަވެސް، އެކި ސަބަބުތަކާ ހުރެ ބައެއް ވިޔަފާރިތަކުން އެފަދަ ޕޭމަންޓުތައް ގަބޫލުނުކޮށް 'ޑިކްލައިން' ވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ދިމާވާ ކަސްޓަމަރުން ބޭންކާ ގުޅުމުން، އެ މައްސަލައެއް ދެނެގަނެ ވަގުތުން އެކަށީގެންވާ ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ވެސް ބޭންކުން ވަނީ ދީފައެވެ.

ރާއްޖޭގައި ޑޮލަރުގެ ތާށިކަން ބޮޑުވެ، ބޭންކުން ވަނީ ބޭރު ފައިސާގެ މުއާމަލާތްތަކަށް ވަކި ލިމިޓުތަކެއް ކަނޑައަޅާފައެވެ. ނަމަވެސް، ކިޔަވާ ކުދިންނަށާއި، ބޭސްފަރުވާއަށް އަދި ޒަރޫރީ ބޭނުންތަކަށް ކުރާ މުއާމަލާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވާކަން ބޭންކުން މީގެ ކުރިންވެސް ވަނީ ހާމަކޮށްފައެވެ. އެގޮތުން، އާންމު ދިރިއުޅުމުގައި ގިނަ ބަޔަކު ބޭނުންކުރާހިދުމަތްތަކުގެ ސަބްސްކްރިޕްޝަން ތަކަށް މެދުކެނޑުމެއްނެތި ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ހިދުމަތްތަކެއް ކަމަށް ބީއެމްއެލްއިން ބުނެއެވެ.