ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ބޮޑު ކޮންގްރެސް ބާއްވަން ކުރިން ނިންމާފައި އޮތް ތާރީހު އޯލެވެލް އިމްތިހާނު ދުވަސްވަރާ ދިމާވާތީ، އެއަށް ވުރެ އަވަހަށް ކޮންގްރެސް ބޭއްވުމަށް އެ ޕާޓީގެ އާންމު މަޖިލީހުން ފާސްކޮށްފިއެވެ.

ކޮންގްރެސް ބާއްވާ ތާރީހު އަވަސްކުރުމަށް ރޭ ބޭއްވި ބައްދަލުވުމަށް ހުށަހެޅުއްވީ ޕާޓީގެ ރައީސް، ޑރ. މުހައްމަދު މުއިއްޒެވެ. އަދި މި ހުށަހެޅުން ފާސްވެގެން ދިޔައީ ރޭގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ޕީއެންސީގެ ލީޑަޝިޕުން ކުރިން ނިންމާފައި އޮތީ އެ ޕާޓީގެ ކޮންގްރެސް މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބޭއްވުމަށެވެ. އެހެންނަމަވެސް އެ ތާރީހު އޯލެވެލް އިމްތިހާނު ދުވަސްވަރާ ދިމާވާތީ، ކޮންގްރެސް ފަސްކުރަން ނިންމި ނަމަވެސް އަދި ކޮންގްރެސް ބާއްވާނެ ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ އޭޕްރިލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އއ. ތޮއްޑު އާއި ރަސްދޫން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި ޖަލްސާގައި ވެސް ރައީސް މުއިއްޒު ވަނީ މުޅި ރާއްޖޭގައި ކޮންގްރެސްގެ ތައްޔާރީތައް ފެށުމަށް ގޮވާލައްވާފައެވެ.

ރައީސް ވިދާޅުވީ މިއީ ޕާޓީގެ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ޕާޓީ އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށް ލިބޭ އެންމެ މުހިންމު ދަނޑިވަޅެއް ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ހުރިހާ ރަށެއްގެ ސަޕޯޓަރުން ވެސް މި ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ކޮންގްރެސްގެ ތެރެއިން ރަށްރަށުގެ ސްޓިއަރިން ކޮމެޓީތަކާ، ދާއިރާތަކުގެ ރައީސުން ފަދަ މުހިންމު މަގާމުތަކަށް މީހުން އައްޔަންކުރާނެއެވެ. ރައީސް ވިދާޅުވީ، ކޮންގްރެސްއަށް މަގާމުތަކަށް މީހުން ހޮވާއިރު، ގައުމާއި ރަށުގެ މަސްލަހަތުގެ އިތުރުން ދާއިރާގެ މަސްލަހަތު އިސްކުރާނެ ފަދަ ގާބިލު ބޭފުޅުން ހޮވުން މުހިންމު ކަމަށެވެ.