ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ނައިބު ރައީސްކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް މިއަދު މެންދުރު ބޭއްވުމަށް ތާވަލްކުރި ޖަލްސާ، މާދަމާއަށް ފަސްކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، މިއަދު މެންދުރު ބާއްވަން ތާވަލްކުރި ޖަލްސާ މިހާރު ވަނީ މާދަމާއަށް ފަސްކުރެވިފައިވާކަމަށެވެ. ނަމަވެސް މި ޖަލްސާ ފަސްކުރަން ޖެހުނު ވަކި ސަބަބެއް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ. އަދި މި ޖަލްސާގެ އެޖެންޑާ ފައިނަލް ނުވާ ކަމަށާއި، ފައިނަލްވިހާ އަވަހަކަށް އާންމުކުރައްވާނެކަން އެއިދާރާއިން ހާމަކޮށްފައިވެއެވެ.
މިއަދު އިތުރު ޖަލްސާއެއް ބާއްވާނެކަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވީ، މިއަދު ހެނދުނު 9:00 ގައި ބޭއްވި ޖަލްސާގައެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ތާވަލްކޮށްފައި ވަނިކޮށް، އޭނާ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނާޒިމް އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވުމަށްފަހު، އެޖެންޑާގައި އިތުރު ކަމެއް ނެތުމުން ހެނދުނުގެ ޖަލްސާ ވަނީ ނިންމާލާފައެވެ.
މިއަދު މެންދުރު ބާއްވަން އުޅުނު ޖަލްސާގެ އެޖެންޑާ ރަސްމީކޮށް އިއުލާން ކޮށްފައި ނުވި ނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޖަލްސާއަކީ މަޖިލީހުގެ ނައިބު ރައީސަކު އިންތިހާބު ކުރުމަށް ބާއްވަން ނިންމި ޖަލްސާއެކެވެ.
