ދެކުނުގެ ރަށެއްގައި އަންހެނަކާއި ދެ ކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ޖުމްލަ 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، ހައްޔަރުކޮށްފައިވަނީ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ 9 މީހަކު ހައްޔަރުކޮށްފައެވެ. އެއީ؛
- މުހައްމަދު މައިސަން ޝިޔާޒު (21އ)
- އަހުމަދު އިފްތިޝާމް ޒަރީރު (24އ)
- ނަޖުމުﷲ ހަސަން (35އ)
- އާޒިމް މުފީދު (24އ)
- އަލީ ހުޒާމް ސައީދު (31އ)
- މުހައްމަދު ސޯލިހު އަހުމަދު (26އ)
- އަހުމަދު ނޫހު ނިޔާޒު (20އ)
- މުހައްމަދު މިޝަލް އަހުމަދު ޒުހައިރު (20އ)
- އަހުމަދު ސާނިޖު ސޯދިގު (32އ)
ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މުހައްމަދު ސޯލިހާއި މުހައްމަދު މިޝަލް އަދި ނަޖުމުﷲ ހަސަންގެ އިތުރުން އަހުމަދު ނޫޙު ނިޔާޒު 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.
މީގެއިތުރުން މުހައްމަދު މައިސަން ޝިޔާޒު 10 ދުވަހަށް، އާޒިމް މުފީދު 15 ދުވަހަށް އަދި އަހުމަދު ސާނިޖު 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ އަހުމަދު އިފްތިޝާމް ޒަރީރު އާއި އަލީ ހުޒާމް ސައީދު ބަންދުކުރަން އަމުރުކޮށްފައިވަނީ 90 ދުވަހަށްކަމަށެވެ.
ދެކުނުގެ ރަށެއްގައި ބަޔަކު ވެގެން 22 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކޮށް ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން އެންމެ ފުރަތަމަ އެކަކު ހައްޔަރުކުރި ނަމަވެސް، ތަހުގީގު ފުޅާކޮށް އިތުރު ބަޔަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މީގެއިތުރުން، ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރު ނުރައްކާތެރި ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓް (ނާޖާއިޒު ފައިދާ ނެގުން) ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކެއް ވެސް މި ތަހުގީގުގެ ތެރެއިން ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލައިގެ ހުރި ސީރިއަސްކަމުން، މައްސަލަ ފުރިހަމައަށް ތަހުގީގު ކުރުމަށްޓަކައި މާލެއިން ފުލުހުންގެ ހާއްސަ ޓީމެއްވެސް އެ ރަށަށް ވަނީ ފޮނުވާފައެވެ.
