ދައުލަތުގެ މުސާރަ އެއްހަމަކުރުމާ ގުޅޭގޮތުން ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް ބަލައި، މައުލޫމާތު ސާފުކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

މި ހުށަހެޅުން މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ހުށަހަޅުއްވާފައިވަނީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދުއެވެ. އަދި މި ހުށަހެޅުމަށް ތާއީދުކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްއަފޫރު މޫސާއެވެ. ޕޭ ކޮމިޝަން ކޮމިޓީއަށް ހާޒިރުކުރުމަށް ފާސްވެފައިވަނީ އެ ވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ ވޯޓާ އެކުގައެވެ.

ބައެއް އިދާރާތަކާއި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަރާތުން، މުސާރަ އެއްހަމަކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާ، ޝަކުވާތައް ހުށަހަޅާފައިވާތީ، އެކަންކަމާ ގުޅޭގޮތުން ފުރިހަމަ މަުލޫމާތު ހޯދުމަށެވެ.

ދައުލަތުގެ އެކި މުއައްސަސާތަކުގެ މުސާރައަށް ހެޔޮބަދަލެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށްވާއިރު، އައު ޕޭ ފްރޭމްވާކަށް އަމަލުކުރަން ފަށާފައިވަނީ 2025 ވަނަ އަހަރު ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މި ފްރޭމްވާކަށް އަމަލުކުރަން ފެށިފަހުން އަންނަމުންދާ ބަދަލުތައް ދެނެގަނެ، ދިމާވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމަށް ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން މަސައްކަތް ކުރަމުންދާ ކަމަށް ޕޭ ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ،

ދައުލަތުގެ މުސާރަ އެއްހަމަކޮށް މުސާރައިގެ ފަރަގު ކުޑަކޮށް، މަސައްކަތުގެ ފެންވަރާއި ޒިންމާތަކަށް ބިނާކޮށް ހަމަހަމަ އޮނިގަނޑެއްގެ ތެރެއިން މުސާރަ ދިނުމަށް ސަރުކާރުން ހިންގަމުންދާ ސިޔާސަތުގެ ދަށުން ދައުލަތުގެ ގިނަ މުވައްޒަފުންތަކެއްގެ މުސާރައިގެ އޮނިގަނޑުވަނީ ހާމަނައިޒްކުރެވިފައެވެ.