ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން، އެ ގަރާރު ބަލައިގަތުމާމެދު ވޯޓަކަށް އެހުމަށާ، ގަރާރު ބަލައިގަތުމަށް ފާސްނުވެއްޖެނަމަ އެ ގަރާރެއް ވަގުތުން ބާތިލުވާގޮތަށް މަޖިލީހުގެ ގަވާއިދަށް ގެންނަން ހުށަހެޅި އިސްލާހު އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

މި އިސްލާހު ދިރާސާކުރެއްވި ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ އިއްތިފާގުން މި ބަދަލު ގެންނަން ފާސްކޮށްފައިވާއިރު މި އިސްލާހު ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. މި މައްސަލައާ ގުޅޭގޮތުން އިތުރު ބަހުސެއް ހިނގާފައެއް ނުވެއެވެ. މި ބަދަލު ގެނައުމަށް ހަމައެކަނި އިއުތިރާޒުކުރެއްވީ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލެވެ.

އަމީން ވިދާޅުވީ ވެރިކަންކުރާ ޕާޓީ ޕީއެންސީގެ މެޖޯރަޓީ މުޅި މަޖިލީހުގައި އޮތްއިރު އެ އިސްލާހު ފާސްވާނެ ކަމަށް ޔަގީންކުރެވޭ ކަމަށާއި، ނަމަވެސް އެފަދަ އިސްލާހެއް ގެނައުމުގައި ބައިވެރިވަން ބޭނުންނުވާ ކަމަށެވެ. އަދި މި ބަދަލާއެކު، ކުއްލި މައްސަލައެއް ނުވަތަ ގަރާރެއްގެ ގޮތުގައިވެސް މަޖިލީހުގެ ތަޅުމުގައި މައިނޯރިޓީއަށް ބަހެއް ބުނުމުގެ ފުރުސަތު ހަނިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އިސްލާހުގައިވާ ގޮތުން ގަރާރު ބަލައިގަންނަން ވޯޓަށް އަހާނީ އެ ގަރާރުގެ ބަހުސް ފެށުމުގެ ކުރިންނެވެ. ގަރާރު ބަލައިގަންނަން ފާސްވެއްޖެނަމަ ދެން އެ ގަރާރު ދަތުރުކުރާނީ އެ ގަރާރާ ގުޅޭ ކޮމިޓީއަކަށެވެ. ނަމަވެސް ގަރާރު ބަލައިގަންނަން ފާސްނުވެއްޖެނަމަ އެ ގަރާރެއް ބާތިލުވީއެވެ. އަދި އެ ގަރާރާމެދު އިތުރަށް ބަހުސްކުރުމެއް ނޯންނާނެ އެވެ.

މި އިސްލާހު ކޮމިޓީން ފާސްވުމާއެކު ދެން މި އިސްލާހު ދާނީ މަޖިލީހުގެ ތަޅުމަށެވެ. މަޖިލީހުގެ ތަޅުމުން މި އިސްލާހު ފާސްކުރާ ހިސާބުން މި ބަދަލަށް އަމަލުކުރަން ފެށޭނެއެވެ.