ދިވެހިރާއްޖޭގެ ތާރީހުގައިވެސް އެންމެ ގިނަ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުކޮށްދޭނެ ސަރުކާރަކަށް މި ސަރުކާރު ވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ޕީއެންސީ އިން ލޯކަލް ކައުންސިލް އިންތިހާބުގައި ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ރޭ އެ ޕާޓީގެ މައި އޮފީހުގައި ބޭއްވި ހާއްސަ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމުގައި ފާހަގަކުރެއްވިއެވެ. އެގޮތުން، ކޮންމެ ރައްޔިތަކަށްމެ އަސާސީ ބޯހިޔާވަހިކަން ކަށަވަރުކޮށްދީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ ސިޔާސަތު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކުން އަމަލުކޮށްފައިވާ ގޮތަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ، މީގެ ކުރިން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ގިނަފަހަރަށް ފަށާފައިވަނީ އިންތިހާބުތަކާ ދިމާކޮށް ސިޔާސީ ބޭނުމަކަށް ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން އިންތިހާބު ނިމޭއިރުވެސް މަޝްރޫއުތައް ހުންނަނީ ނުނިމި، ރައްޔިތުންނަށް ގެދޮރަށް ނުވަދެވިފައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، މި ސަރުކާރުގެ ވިސްނުމަކީ ނަތީޖާ ނެރުން ކަމަށާއި، މަސައްކަތްތައް ހަލުވިކަމާއެކު ނިންމުމަށް އިސްކަންދޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނު މީގެ ކުރިން ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ކުރެއްވި މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ ކުރީ ސަރުކާރުން ފަޅުފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށާއި، ހުއްޓިފައި ހުރި ފްލެޓް މަޝްރޫއުތައް އަވަހަށް ނިންމައި ރައްޔިތުންނާ ހަވާލުކުރުމަށް ކަމުގައި ވިދާޅުވިއެވެ.

އަތޮޅުތެރޭގެ ރަށްރަށުގެ ބޯހިޔާވަހިކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފްލެޓާއި ހައުސިން ޔުނިޓްތަކުގެ އާ މަޝްރޫއުތައް ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު މަޝްރޫއުތަކުގެ ޢަމަލީ މަސައްކަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެށިގެންދާނެ ކަމުގެ އުފާވެރި ހަބަރު އެމަނިކުފާނު ރައްޔިތުންނަށް ދެއްވިއެވެ.

މި ޖަލްސާގައި ސަރުކާރުގެ އިސްވެރިންނާއި ޕީއެންސީގެ ގިނަ ޢަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.