އިދިކޮޅު ފަރާތްތަކުން އަބުރާ ބެހެނީ ސަރުކާރުގެ މަސައްކަތާއި ސިޔާސަތުތަކަށް ދައްކާނެ ވާހަކައެއް ނެތީމަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ކުރިއަށްދިޔަ ޕީއެންސީގެ ޖަލްސާގައި، ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް ނެތްކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ މަސައްކަތާއި ސިޔާސަތުތަކަށް ދައްކާނެ ވާހަކައެއް ނެތީމަ މިހާރު އިދިކޮޅު ފަރާތަތްކުން މަސައްކަތްކުރަމުންދަނީ އެމަނިކުފާނުގެ އަބުރު ނަގާލެވޭތޯކަމަށެވެ.
ރައީސް ވިދާޅުވީ ކިތަންމެ ބަޔަކު އަބުރު ކަތިލަން މަސައްކަތް ކުރިނަމަވެސް، އަމިއްލަ ނަފްސައް އިތުބާރު ކުރައްވާކަމަށާއި، މާތް ﷲ އަށް އަޅުކަންކޮށް ދުއާ ކުރެއްވުން މަތީ އަބަދުވެސް ދެމިހުންނަވާނެކަމަށެވެ. އަދި އެމަނިކުފާނު، އުޅުއްވާ ގޮތާއި، ދައްކަވާ ވާހަކަ އެމަނިކުފާނަށް އެނގިލައްވާކަަމަށް ވިދާޅުވެ، މިއީ އެހެން މީހަކު ދައްކާ ވާހަކައަކަށް ބަދަލުވާނެ ކަންކަން ނޫންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނާ ގުޅޭގޮތުން ކިތަންމެ ބައިވަރު ދޮގު ވާހަކައެއްވެސް އަދި ކިތަންމެ ޑޮކިއުމެންޓްރީއެއްވެސް ހެދިދާނެކަމަށް ފާހަގަކުރައްވާ، މިއީ އުފާކުރައްވާކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މީހަކާ ބެހޭގޮތުނަ ދޮގުވާހަކަ ފެތުރުމާ ބެހޭގޮތުން ދީނުގަ ކަން އޮތްގޮތުގެ މައްޗަށް އަލިއަޅުއްވާލަމުން ރައީސް ވިދާޅުވީ އެމީހަކާ ބެހޭގޮތުން ހަގީގަތެއް ނެތް ދޮގު ވާހަކަތައް ފަތުރާ، އެމީހެއްގެ އަގު ވައްޓާލާ އެމީހާގެ އަބުރު ކަތިލައިގެން ދާވަގުތުވެސް ކެތްތެރިކަން އިސްކުރުމަށް ދީނުގަ ބާރު އަޅާކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި ކެތްތެރިކަން އިސްކުރުމަކީ ސަވާބު ލިބޭނެ އަމަލެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިހެންކަމުން އެމަނިކުފާނާ ދެކޮޅަށް މިފަދަ އަމަލުތައް ގިނަވިޔަސް ޝުކުރުވެރިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރައީސްގެ އަބުރުކަތިލުމަށް ޑޮކިއުމެންޓްރީ ހެދިޔަސް އެމަނިކުފާނަށް އޮތީ އާހިރަތުގައިވެސް ހުސްފައިދާކަމަށެވެ.
އަނބިކަނބަލުން ސާޖިދާ އާއި ރައީސް ޑރ. މުއިއްޒު އާއި ދުރުވާން މަސައްކަތްކުރާ ވާހަކަތައް ދޮގުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އަނބިކަނބަލުން އެމަނިކުފާނާ ދުރުކުރުމަށްވެސް އިދިކޮޅު މީހުން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ހައިރާން ކުރުވަނިވި މިވާހަކަތައް ފެތުރެމުންދާތީ މިކަމާގުޅޭގޮތުން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ އާއެކު މިވާހަކަތައް ދެކެވުނުކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މާކުރިން ވެސް ރޭވިފައި އޮތް ދަތުރެއްގައި އަނބިކަނބަލުން އިނގިރޭސިވިލާތައް ދިއުމުން މިކަންވެސް ބަދަލުވީ އިދިކޮޅުން ބޭނުންވާ ނެރޭޓިވްއަކަށްކަމަށެވެ. ބަޔަކު އަދި ވާހަކަ ދައްކާހާ ގޮތަކީ ހަގީގަތަކަށް ވާން ނުޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިފަދަ އަމަލުތަކުން ދުރުވެ، އިދިކޮޅުގައި ސިޔާސީ މަސައްކަތްކުރުމަށް ޒިންމާދާރު ބަޔަކު ބޭނުންވާކަމަށެވެ. އަދި އެންމެންވެސް ދުއާ ކުރަންވީ އިދިކޮޅުގައި ޒިންމާދާރު ބަޔަކު ތިބުމަށްކަމަށް އެމަނިކުފާނު އެދިލެއްވިއެވެ. ރައީސް ވިދާޅުވީ ބަތްކައްކާކުޅެ، ،މިގޮތަށް ސަކަރާތްޖަހާ، ދެއޮޅިއެއް ނުވާ ފަރާތްތަކުން އިދިކޮޅުގައި އޮވެގެން ގައުމަށް ވާނެ ފައިދާއެއް ނެތްކަމަށެވެ.
