ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު އިދިކޮޅުގަ ޒިންމާދާރު ބަޔަކަު ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިރޭ ކުރިއަށްދިޔަ ޕީއެންސީގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިޖަލްސާ އަކީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީ އިން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވޭ ޖަލްސާއެކެވެ.

ރައީސްގެ ވާހަކަފުޅުގައި މިސަރުކާރުގެ އަމާޒަކީ ގައުމަށް ހެވާ ލާބަ ލިބޭނެކަންކަން ކުރުމަށާއި، މީގެ ތެރެއިން ކޮރަޕްޝަން ނައްތާލުމަށް ހަގީގީ މާނައިގަ އެ ނައްތާލަން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި މިކަން ކުރާތީ ސަރުކާރާ ދެކޮޅަށް ބަޔަކު ނިކުތަސް، ފަހަތަށް ނުޖެހޭނެކަމަށާއި، ކޮރަޕްޝަން ނައްތާލުމަށް ސަރުކާރާ، ޕީއެންސީގެ ސަޕޯޓަރުން ތިބީ އެކުވެރިކަމާއި، ބަދަހިކަމާއެކުކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިހެންކަމުން ހެޔޮ ވިސްނޭ ފަރާތްތަކާއި، ސިޔާސީ ކަންކަމަށް އަލަށް ލޯހުޅުވޭ ޒުވާނުންވެސް ކަންކަމުގެ ހަގީގަތް ދެނެގަތުން މުހިންމުކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މިސަރުކާރުގެ ޕޮލިސީތަކަށާއި، ކުރާ މަސައްކަތަށާއި، ނެރެދޭ ނަތީޖާއަށް އިދިކޮޅުން ދޭނެ ރައްދެއް ނެތްކަަމަށެވެ. އަދި މިއަށްވުރެއް ރަނގަޅު ނަތީޖާއެއް ނެރެދެވޭނެކަމަށް ހުށަހެޅޭނެކަމެއް ނެތްކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބޮޑަށް އިސްކުރަމުންދަނީ އަމިއްލަ އެދުންކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަކު އަނެކަކަށް އިހުލާސްތެރިކަމެއްވެސް އެކުވެރިކަމެއްވެސް ނެތްކަމަށެވެ. އަދި ގައުމު އިސްކޮށް، ކަންކަންކުރަންޖެހޭ ގޮތަށް، ޒިންމާ ދާރު އޮޕޮޒިޝަން އެއްނެތްކަމަށް އެމަނިކުފާނުވިދާޅުވިއެވެ.

"ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު އެންމެ ލެކްވާ އެއްޗަކީ ޒިންމާދާރު އޮޕޮޒިޝަންއެއް. މިތާކު ނެތް ޒިންމާދާރު އޮޕޮޒިޝަންއެއް. މިތާގަ އޮތީ ފުރުސަތު ލިބުނު ކޮންމެ ފަހަރަކު ތިމަންނާއަށް އެންމެ ބޮޑު ބައެއް ހޯދޭނެ ގޮތެއް، ތިމަންނަ ބޭނުންވާގޮތަށް ކަންކަންކުރެވޭނެ ގޮތެއް ބަލައިގެން މަސައްކަތްކުރި ފަރާތްތަކެއް. ގައުމަކާމެދު ނުވިސްްނާ. ދީނާ މެދު ނުވިސްނާ. ހަމަ ޖެހުނުހާ ގޮތަކަށް ކަންކުރީ."
ރައީސް

މީގެ އިތުރުން ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު އިދިކޮޅުގަ ޒިންމާދާރު ބަޔަކަު ނެތްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ސަރުކާރާ ދެކޮޅު އޮޕޮޒިޝަންގެ ގޮތުގައި ތިބީ ފުރުސަތު ލިބޭ ކޮންމެ ފަހަރަކު އަމިއްލަ މަންފާއަށް ތިބިބައެއްކަމަށް ސިފަކުރައްވާ ރައީސް ވިދާޅުވީ ދީނާ، ގައުމާ، ދިވެހި ރައްޔިތުންނާ ދޭތެރޭ ވިސްނާ ބަޔަކު އިދިކޮޅުގައި ނެތްކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ކޮވިޑު ހާލަތުގައި ހިނގާދިޔަ ވެންޓިލޭޓަރު ވައްކަން ހަނދާނުން ފިލާ ނުދާކަމަށް ފާހަގަކުރައްވާ، މިނިވަން މުއައްސަސާތަކުން މިމައްސަލަ ބަލައި މިކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތަކަށް އަދަބު ދޭނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ އެމްއެމްޕީއާރްސީއާއި، ކުރީ ސަރުކާރުތަކުން ހިންގާފައިވާ ހުރިހާ ވައްކަމަކާއި ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ހައްގު ހޯދަދިނުމަށްވެސް މިނިވަން މުވައްސަސާތަކަށް ރައީސް ގޮވާލެއްވިއެވެ.