އިންޑިއާއިން ދުނިޔޭގެ އެކި ގައުމުތަކަށް އެތެރެ ކުރާ ހަކުރު، އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް އެކްސްޕޯޓް ކުރުން އެގައުމުން ހުއްޓުވައިފިއެވެ.

އިންޑިއާގެ ފޮރިންޓްރޭޑް ޑައިރެކްޓަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ބަދަލުގެ ދަށުން އިސްތިސްނާ ވާނީ ޔޫރަޕާއި އެމެރިކާ ގެ އިތުރުން، ދޭދޭ ގައުމުތަކުގެ މެދުގައި އޮތް އެއްބަސްވުމުގެ ދަށުން އިސްތިސްނާ ވާ ފަރާތްތައް ކަމަށެވެ. އަދި މިހާރު ކްލިއާ ކޮށް ފުރުވާލަން ތައްޔާރު ކޮށްފައި ވާ ޝިޕްމެންޓްތަކާއި ހާއްސަ ހުއްދައެއްގެ ދަށުން މުދާ ބޭރުކުރަން ކަނޑައަޅާފައިވާ ސްކީމްގެ ތެރޭގައި ހިމެނޭ ފަރާތްތައް ވެސް އިސްތިސްނާ ވާނެ ކަމަށެވެ.

ރާއްޖެއަކީ އިންޑިއާއިން ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ގެންނަ ގައުމަކަށް ވާއިރު ހަކުރަކީ އޭގެ ތެރޭގައި ހިމެނޭ ބާވަތެކެވެ.

އިންޑިއާ އާއި ދިވެހި ސަރުކާރާ ދެމެދު ގާއިމު ކޮށްފައި އޮންނަ އެއްބަސްވުމުގެ ދަށުން މިހިނގާ 2026 އަދި 2027 ގެ ފައިނޭންޝަލް އިޔާގެ ގޮތުގައި ކަނޑައަޅާފައި އޮތް މުއްދަތުގައި ޖުމްލަ 67،719 މެޓްރިކް ޓަނުގެ ހަކުރު އެތެރެ ކުރެވޭނެއެވެ.

ހުއްދަ އޮތް އިތުރު ބާވަތްތަކަކީ؛

  • 448،913،750 ބިސް
  • 22،589 މެޓްރިކް ޓަނުގެ އަލުވި
  • 37،538 މެޓްރިކް ޓަނުގެ ފިޔާ
  • 230،429 މެޓްރިކް ޓަނުގެ ހަނޑޫ
  • 114،621 މެޓްރިކް ޓަނުގެ ފުށް
  • 350 މެޓްރިކް ޓަނުގެ މުގު
  • ކާބޯތަކެތީގެ ބާވަތްތަކުގެ ގޮތުގައި ނުހިމެނޭ؛
  • 1،300،000 މެޓްރިކް ޓަނުގެ ހިލަ
  • 1،300،000 މެޓްރިކް ޓަނުގެ ހިލަވެލި އެވެ.
  • އިންޑިއާއިން އެކްސްޕޯޓް ކުރާ ހަކުރު ސެޕްޓެމްބަރުގެ ނިޔަލަށް މަޑުޖައްސާލަން އަންގާފައި ވަނީ، މޫސުމީ ބަދަލުތަކާއެކު ހަކުރު އުފެއްދުމަށް މަޑުޖެހުމެއް އައިސްފައި ވުމުގެ ސަބަބުންނެވެ.

އިންޑިއާގައި އެންމެ ފުޅާދާއިރާއެއްގައި ހަކުރު އުފައްދަނީ އުއްތަރް ޕްރަދޭޝް، މަހާރާޝްތްރަ، ކަރްނާޓަކާ، ޓެމިލްނާޑުގެ އިތުރުން ގުޖުރާތުގައެވެ. އާންމުކޮށް ހަކުރު އުފައްދަނީ އުއްދަނޑި ހައްދައިގެން އުއްދަނޑީގެ ދިޔަ ފެލައިގެންނެވެ.