މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތު ކުރެވޭ ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ ހިއްސާ އޮންނަ ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ކުރުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރި މި މައްސަލަ ދައުވާކުރުމަށް ޕީޖީ އޮފީހަށް ހުށަހަޅާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.
އޭސީސީން ބުނީ، މި މައްސަލައިގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް ވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައި ކަމަށެވެ. އޭގެ ތެރެއިން، އެސްއޯއެފް އިން ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ވެސް ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ.
އެގޮތުން ޖުލައި 13، 2015 ގައި އެސްއޯއެފްގެ ޗެކެއް މެދުވެރިކޮށް 150،000 ޑޮލަރު ޕޮޕިއުލާ މޯލްޑިވްސްގެ ބޭންކް އެކައުންޓަކަށް ޖަމާކޮށްފައިވާކަން ތަހުގީގަށް ވަނީ ކަށަވަރުވެފައި ކަމަށް އޭސީސީން ބުނެއެވެ. މި ފައިސާ ދައުރުކޮށްފައިވަނީ ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން ކަމަށްވާ އިރު، މިއީ ކަޅު ފައިސާ ދޮވުމުގެ އަމަލެއްގެ ގޮތުގައި ތަހުގީގުން ފާހަގަކޮށްފައިވާ ކަމަށް އޭސީސީން ބުނެއެވެ.
ތަހުގީގީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް އެ ކުންފުނިން ވަނީ މަސައްކަތް ކޮށްފައި ކަމަށް ވެސް އޭސީސީން ބުނެއެވެ. އަދި މި ފައިސާގެ އަސްލު އޮޅުވާލައި، ފައިސާއާ ގުޅޭ ހައްގުތައް ސިއްރު ކުރުމަށާއި، ފައިސާ ލިބުނު ގޮތް އޮޅުވާލުމަށް ޕޮޕިއުލާ މޯލްޑިވްސްއިން ގަސްތުގައި މަސައްކަތްކޮށްފައިވާކަން ތަހުގީގަށް ވަނީ ހޯދިފައި ކަމަށް އޭސީސީން ބުނެއެވެ. މީގެ އިތުރުން، ތ. އޮޅުގިރި ކުއްޔަށް ހިފުމަށްޓަކައި އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ ވެސް ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަހުގީގަށް ވަނީ ސާބިތުވެފައި ކަމަށް އޭސީސީން ބުނެއެވެ. މިއީ ދައުލަތުގެ މުދަލެއް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގާފައިވާ ކުށުގެ އަމަލެއްކަން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރާ ކަމަށް އޭސީސީން ބުނެއެވެ.
ތ. އޮޅުގިރި ކުއްޔަށް ދިނުމާ ގުޅޭގޮތުން ހަދާފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުން، އެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 36 މަސްދުވަހުގެ ތެރޭގައި އެ ރަށުގައި ރިޒޯޓެއް ހަދައި ތަރައްގީ ކުރަންޖެހެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެކަންތައްތައް ފުރިހަމަކޮށްފައި ނުވާނަމަ، ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމުގެ އިހްތިޔާރާއި އެއްބަސްވުން ބާތިލްކުރުމުގެ އިހްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް އެއްބަސްވުމުގައި ކަނޑައަޅާފައި ވެއެވެ. ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ޕޮޕިއުލާ މޯލްޑިވްސްއިން ފުރިހަމަކޮށްފައި ނުވާކަން ތަހުގީގަށް ވަނީ ފާހަގަވެފައި ކަމަށާއި އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ބަދަލު ހޯދުމުގެ ހައްގުވެސް ދައުލަތަށް ލިބިގެންވާ ކަމަށް އޭސީސީން ބުނެއެވެ.
މި މައްސަލާގައި ދައުވާކޮށް ދިނުމަށް އެދި ހުށަހަޅާފައި ވަނީ، ގާނޫނު ނަންބަރު 10/2014 (މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ދައުވާއެވެ. މީގެ އިތުރުން، ޕޮޕިއުލާ މޯލްޑިވްސްއިން ހޯދާފައިވާ 150،000 އެމެރިކާ ޑޮލަރު އެ ދައުވާގެ ތެރެއިން ދައުލަތަށް އަނބުރާ ހޯދުމަށް ވެސް ޕީޖީ އޮފީހުގައި ވަނީ އެދިފައި ކަމަށް ވެސް އޭސީސީން ބުނެއެވެ. އަދި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް މަތިކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައި ނުވާތީ، ތ. އޮޅުގިރި ދައުލަތަށް އަނބުރާ ނެގުމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއަށް އެންގުމަށް ވެސް ނިންމާފައިވާ ކަމަށާއި މިއީ ދައުލަތުގެ މުދާ އަނބުރާ ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެއެއް ކަމަށް އޭސީސީން ބުނެއެވެ.
މި މައްސަލައިގެ އިތުރުން ވެސް، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅޭ ގިނަ ސީރިއަސް މައްސަލަތަކެއްގައި ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހާއެކު ދަނީ މެދުކެނޑުމެއްނެތި މަޝްވަރާ ކުރަމުން ކަމަށް އޭސީސީން ބުނެއެވެ. މި މަޝްވަރާތަކުގެ އަލީގައި، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އިތުރު ފަރާތްތަކެއްގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.
