މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ މައްސަލައިގައި، އެމްއެޗްއާރް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.

މި މައްސަލައަކީ އޭސީސީ އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ދަށުން ތަހުގީގުކޮށްފައިވާ މައްސަލައެކެވެ. ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، 2014 ވަނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް، ފަތުރުވެރިކަމުގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބޮޑު އަދަދެއް، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ވަނީ އެމްއެޗްއާރް ޓްރޭޑިންގެ އެކައުންޓަށް ޖަމާކޮށްފައެވެ.

އެގޮތުން އެކި ފަހަރު މަތިން ޖުމްލަ 325,000.00 (ތިން ލައްކަ ފަންސަވީސް ހާސް) އެމެރިކާ ޑޮލަރު، އެމްއެޗްއާރްް އާއި އެ ކުންފުނީގެ ދަށުން ހިންގާ "ތަރުކާރީ ފިހާރަ" ގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ވަނީ ކަށަވަރުވެފައެވެ. މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތަކުން ލިބުނު ފައިސާ ކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކުރި ނަމަވެސް، އެ ޗެކުތައް ދިނީ ކޮން ފަރާތަކުން ކަމާއި އޭގެ ބަދަލުގައި ދޭންޖެހޭ ދިވެހި ރުފިޔާ ދިން ގޮތެއް ތަހުގީގުގައި ސާބިތުކޮށްދެވިފައެއް ނުވާކަމަށް އޭސީސީން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، އޭސީސީ އިން ބުނީ އދ. ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ދެއްކި 50,000.00 (ފަންސާސް ހާސް) އެމެރިކާ ޑޮލަރުވެސް އެމްއެޗްއާރްްގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ހާމަވެފައިވާކަމަށެވެ. މި މުއާމަލާތް ހިންގާފައިވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ އިސް މޭސްތިރިއެއް ކަމަށްވާ އަބްދުﷲ ޒިޔާތު މެދުވެރިކޮށް ކަމަށާއި، މި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެނގޭނެ ނުވަތަ ޝައްކުކުރެވޭނެ ހާލަތެއް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް އޮތްކަންވެސް ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ.

މި މައްސަލައިގައި އޭސީސީ އިން ދައުވާކޮށްދިނުމަށް އެދިފައިވަނީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުމުގެ ގާނޫނުގެ 53 ވަނަ މާއްދާއާއި 58 ވަނަ މާއްދާގެ ދަށުންނެވެ.

އޭސީސީ އިން އިތުރަށް ނިންމާފައިވަނީ، އެމްއެޗްއާރްްގެ އެކައުންޓަށް ޖަމާވި 325,000 ޑޮލަރަށްވާ 5,011,500.00 (ފަސް މިލިއަން އެގާރަ ހާސް ފަސް ސަތޭކަ) ދިވެހި ރުފިޔާ އާއި، ފުށިދިއްގާގެ މުއާމަލާތާ ގުޅޭ 50,000 ޑޮލަރުގެ އިތުރުން، އެ ފައިސާ އިންވެސްޓްކޮށްގެން ހޯދާފައިވާ ފައިދާ ދައުލަތަށް އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް ފޮނުވުމަށެވެ.