ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި 1344 މީހަކު ބަލާފާސްކޮށް އޭގެތެރެއިން 254 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިއަދު ހަވީރު 4:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށް މާލޭގެ އެކި ސަރަހައްދުތަކުގައި އިމިގްރޭޝަނުން ފުޅާ ދާއިރާއެއްގައި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާއިރު، މިއީ އެއްފަހަރާ މިހާ ގިނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ފުރަތަމަ ފަހަރު ވެސް މެއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހީގެ ދަށުން ބަޔޯމެޓްރިކްސް މައުލޫމާތު ނުދީ އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މެއި 3 ގައެވެ.

މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ހަރަކާތުގައި، ބިދޭސީން ދިރިއުޅޭ ތަންތަނާއި، މަސައްކަތްކުރާ ސައިޓުތަކުގެ އިތުރުން، އާންމުކޮށް ބިދޭސީން އެއްވެ އުޅޭ ސަރަޙައްދުތައް ބަލައި ފާސްކުރާނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ސައްހަ ވޯކްޕާމިޓެއްގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކް މައުލޫމާތު ނަގާ ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ މި މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި، ގަވައިދާ ހިލާފަށް އުޅެމުންދާ މީހުން ހޯދައި، ހައްޔަރުކޮށް، ރާއްޖެއިން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

"އޮޕަރޭޝަން ކުރަނގި" އަކީ ތިން އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ ބޮޑު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ފުރަތަމަ ފިޔަވަހި މެއި 2024 ގައި ކާފު އަތޮޅު ހިންމަފުށީގައި ފެށިއިރު، ދެވަނަ ފިޔަވަހި ފަށާފައިވަނީ ޖުލައި 2024 ގައެވެ. މި އޮޕަރޭޝަންގެ ދަށުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާނާއި މޫނު ދެނެގަނެވޭނެ ފޮޓޯ ހިމެނޭހެން ބަޔޯމެޓްރިކްސް މައުލޫމާތު އެއްކުރެވިގެންދާނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.