ރާއްޖޭގައި ސައްހަ ވޯކްޕާމިޓެއްގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކް މައުލޫމާތު ނަގާ ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި މިވަގުތު ތިބި އެކްޓިވް ވޯކްޕާމިޓް އޮތް ބިދޭސީންގެ ތެރެއިން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ މިހާރު ނަގާފައިވާ ކަމަށެވެ. މިއީ މި ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ ހާއްސަ މަސައްކަތުގެ ދަށުން ހޯދިފައިވާ ބޮޑު ކުރިއެރުމަކަށްވާއިރު ނޮވެމްބަރު 2023 އާ ހަމައަށް މި އަދަދު ހުރީ އެންމެ 13 އިންސައްތައިގައިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތްތައް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ބާކީ ތިބި މީހުން ހޯދައި، އެމީހުން ރާއްޖެއިން ޑިޕޯޓުކުރުމުގެ ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ.

ރައީސް، މިހެން ވިދާޅުވެފައިވާއިރު ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ މި މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި، ގަވައިދާ ހިލާފަށް އުޅެމުންދާ މީހުން ހޯދައި، ހައްޔަރުކޮށް، ރާއްޖެއިން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. ބިދޭސީންގެ މައްސަލައަކީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާއީ އަދި އިގްތިސާދީ ބޮޑު މައްސަލައަކަށް ވާއިރު، މި ނިޒާމުގެ ސަބަބުން ރާއްޖޭގައި އުޅޭ ކޮންމެ ބިދޭސީއަކީ ކާކުކަން ދެނެގަނެވި، ގަވާއިދުގެ ތެރެއަށް ފެއްތުމަށް ފަސޭހަވެގެންދާނެއެވެ.