ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު، މޭ އަދި ޖޫން މަހު އޭލެވެލް އިމްތިހާނު ހެދުމަށް ހުޅުވާލި ފުރުސަތުގައި 1200 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ އިރު، މި އިމްތިހާނު މާދަމާ ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއީ މީގެ ހަ އަހަރު ކުރިން، 2020 ވަނަ އަހަރު ގެނައި ބަދަލަކާ ގުޅިގެން ރާއްޖޭގައި މި އިމްތިހާނު ބޭއްވުން ހުއްޓާލާފައި އޮތުމަށްފަހު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އިން މި ފުރުސަތު އަލުން ހުޅުވާލި ފުރަތަމަ ފަހަރެވެ. އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މާދަމާ ފަށާ މި އިމްތިހާނުތައް އަންނަ ޖޫން މަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

މި އަހަރުގެ މޭ/ޖޫން އިމްތިހާނުގައި އަމިއްލަ ގޮތުން ބައިވެރިވުމަށް ޖުމްލަ 1،229 ދަރިވަރުން ފޯމު ހުށަހަޅާފައި ވެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ދަރިވަރުން އިމްތިހާނުގައި ބައިވެރިވަނީ މާލެ ސަރަޙައްދުންނެވެ. އެގޮތުން މާލެއިން އެކަނިވެސް 916 ދަރިވަރުން ބައިވެރިވާއިރު، އައްޑޫ ސިޓީގެ ހިތަދޫން 147 ދަރިވަރުން އަދި ފުވައްމުލަކު ސިޓީން 27 ދަރިވަރުން ބައިވެރިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެންޓަރުތަކުގައި ވެސް ދަރިވަރުން އިމްތިހާނު ހަދާނެއެވެ. އޭގެ ތެރޭގައި ލ. ގަމުން 25 ދަރިވަރުން، ބ. އޭދަފުށިން 23 ދަރިވަރުން، ގދ. ތިނަދޫން 18 ދަރިވަރުން، ށ. މިލަންދޫން 17 ދަރިވަރުން، ހއ. އިހަވަންދޫން 15 ދަރިވަރުން، ޅ. ނައިފަރުން 14 ދަރިވަރުން، ފ. ނިލަންދޫން 12 ދަރިވަރުން އަދި ހދ. ކުޅުދުއްފުށިން 11 ދަރިވަރުން ހިމެނެއެވެ. އަދި ރ. މީދޫ އާއި ދ. ކުޑަހުވަދޫން، ކޮންމެ ރަށަކުން ދެ ދަރިވަރުން މި އިމްތިހާނުގައި ބައިވެރިވެއެވެ.

ރާއްޖޭގައި މި އިމްތިހާނު އަލުން ބާއްވަން ސަރުކާރުން ނިންމީ މިދިޔަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުއެވެ. އެ މަހުގެ ތެރޭގައި ޑީޕީއީން ވަނީ އަމިއްލަ ގޮތުން އިމްތިހާނު ހަދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ. މި ބަދަލު ގެންނަން ޖެހުނު މައިގަނޑު ސަބަބަކީ، މީގެ ކުރިން މޭ/ޖޫންގައި އޭލެވެލް ހަދަން ގިނަ ދަރިވަރުން ސްރީލަންކާއަށް ދާންޖެހުމާއި، އެކަމަށް ބޮޑު ހޭދައެއް ކުރަންޖެހުމެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ރާއްޖެއިން ބޭރަށް ގޮސް އިމްތިހާނު ހެދުމަށް ދަރިވަރުންނަށް ޓިކެޓާއި ހުރުމުގެ ހަރަދާއެކު 30،000 އަށްވުރެ ގިނަ ރުފިޔާ ހަރަދުކުރަން ޖެހެއެވެ. މިކަމުގެ ސަބަބުން ތަނަވަސްކަން ނެތް ގިނަ ކުދިންނަށް ފުރުސަތު ގެއްލި، އޭލެވެލްގެ ގަދަ 10 ގައި ހިމެނިގެން ސްކޮލާޝިޕް ހޯދުމަށް އޮންނަ ފުރުސަތު ވެސް ބައެއް ދަރިވަރުންނަށް ގެއްލެމުންދާކަމުގެ ކަންބޮޑުވުންތައް ބެލެނިވެރިންނާއި ދަރިވަރުން ވަނީ ފާޅުކޮށްފައެވެ. އަދި އަހަރަކު އެއްފަހަރު އިމްތިހާނު އޮންނަ ގޮތަށް އޮތުމުން، ނަތީޖާ ދަށްވާ ކުދިންނަށް އެ ނަތީޖާ ރަނގަޅުކުރުމަށް މުޅި އަހަރު ދުވަހު މަޑުކުރަންޖެހުމަކީ ނަފްސާނީ ގޮތުންނާއި ތައުލީމީ ގޮތުން ދަރިވަރުންނަށް ކުރިމަތިވަމުންދިޔަ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

މި މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމަށް އެދި ދަރިވަރުންތަކެއް ވަނީ ޕެޓިޝަނެއް ވެސް ތައްޔާރުކޮށްފައެވެ. އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގްރޭޑް 11 ގެ މާއްދާތައް އަލުން ހަދަން ޖެހުމާއެކު ގްރޭޑް 12 ގެ ކިޔެވުން ކުރިއަށްގެންދަން ޖެހުމަކީ ދަރިވަރުންނަށް އުފުލަންޖެހޭ ވަރަށް ބޮޑު ބުރައެކެވެ.

އަމިއްލަ ގޮތުން ހަދާ އެޑެކްސެލް އިމްތިހާނުތައް މޭ/ޖޫންގައި ކުރިއަށް ދިޔަ ނަމަވެސް، ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ބާއްވާ ގައުމީ އޭލެވެލް އިމްތިހާނުތައް ކުރިއެކޭވެސް އެއްގޮތަށް އޮކްޓޯބަރު އަދި ނޮވެމްބަރު މަހު ކުރިއަށްދާނެއެވެ.