އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު، ޖީ. ބާލަސުބްރަމާނިއަން، މިއަދު ޑިފެންސް މިނިސްޓަރު ހައްސާން ރަޝީދުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އެ އިދާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ހަރުދަނާކޮށް އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާކަމަށެވެ.

އެގޮތުން ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކަށް މި ބައްދަލުވުމުގައި އަލިއަޅުއްވާލައްވާފައިވާކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓަރު ހައްސާން ވަނީ ރާއްޖޭގެ ދިފާއީ ބާރުގެ ގާބިލުކަން އިތުރުކުރުމަށާއި ދިފާއީ ދާއިރާ ކުރިއެރުވުމަށް އިންޑިއާ ސަރުކާރުން މެދުނުކެނޑި ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވަވާ އެކަމަށް ޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ދިވެހިރާއްޖެއާއި އިންޑިއާއަކީ ޒަމާނުއްސުރެ ގާތް ރަހުމަތްތެރި ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމެވެ. ހާއްސަކޮށް ސަރަހައްދީ ސަލާމަތާއި ދިފާއީ. އިޖުތިމާއީ އަދި އިގުތިސާދީ އެކި ދާއިރާތަކުން އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގައި މުހިންމު ބައިވެރިއެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިގްތިސާދީ ތަސައްވުރުގެ ދަށުން، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި "މޯލްޑިވްސް-އިންޑިއާ ބިޒްނަސް ކައުންސިލް" އުފެއްދުމަށް ވެސް ވަނީ ނިންމަވާފައެވެ.

މި ކައުންސިލް އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި އާ ފުރުސަތުތައް ހޯދާ، އިގުތިސާދީ ގޮތުން ފައިދާހުރި ނަތީޖާތަކެއް ނެރުންކަމަށް ވަނީ ބުނެފައެވެ.